އަބުރު ރައްކާތެރިކުރުމުގެ ގާނޫނާއި އެންޓި ޑިފެކްޝަން ބިލް އުވާލަން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.
އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިދިކޮޅު ޕީޖީއިން ވަނީ އެ ދެބިލު އުވާލަން ހުށައެޅުމަށް ނިންމާފައި ކަމަށާއި މާދަމާ ރައްޔިތުންގެ މަޖިލީހަށް އެކަން ހުށައަޅާނެ ކަމަށެވެ.
ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިގޮތަށް ނިންމާފައިވަނީ ރިޔާސީ ކެމްޕޭނުގައި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އަބުރުގެ ގާނޫނު އުވާލައްވާނެ ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އިބޫ ވިދާޅުވީ އެ ގާނޫނަކީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމަށް ހުރަސްއެޅުނު ގާނޫނެއް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހަކުން ފާސްކޮށްފައިވާއިރު ޕީޕީއެމުން ވަނީ އެ ބިލްގެ ނާޖާއިޒު ފައިދާ ނަގައި، ޕާޓީ ދޫކުރި މެމްބަރުން ވަކިކޮށްފައެވެ. ނަމަވެސް އެހެން ޕާޓީތަކުން ޕީޕީއެމާ ގުޅުނު މެމްބަރުންނަށް އެއްވެސް އަސަރެއް ކޮށްފައެއް ނުވެއެވެ.
މެމްބަރުން ބިލް ފާސްކުރުމުގެ ކުރިން ޕީޕީއެމުން ވަކިވެފައިވާކަން އަންގައި ސިޓީ ފޮނުވި ނަމަވެސް ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ އެއިން އެއްވެސް މެމްބަރަކު ޕާޓީން ވަކި ނުކުރެވޭނެ ކަމަށް އެންގިއެވެ. އަދި ބިލް ފާސްކުރުމަށް ފަހު ހުރިހާ މެމްބަރުން ވަނީ ޕާޓީން ވަކިކޮށްފައެވެ.
އެކަން އިލެކްޝަންސް ކޮމިޝަނަށް އޭރު އެންގުމުން އެ ކޮމިޝަނުން ވަނީ އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން މަޖިލީހަށް އަންގާފައެވެ. ނަމަވެސް މިއަދު އީސީން ވަނީ އެމެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މަޖިލީހަށް އަނެއްކާވެސް އަންގާފައެވެ.