Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ދެ އަހަރު ފަހުން ނިޔާޒު އެނބުރި ރާއްޖެއަށް

ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް އަމިއްލައަށް އަރުވާލެވިގެން ލަންކާގައި ދިރިއުޅުއްވާތާ ދެ އަހަރު ފަހުން އެނބުރި ރާއްޖެ އަންނަން ނިންމައިފިއެވެ.

ނިޔާޒު މިއަދު ވިދާޅުވީ ދެއަހަރު ފަހުން އަންނަ ހަފްތާ ތެރޭގައި ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށެވެ.

ނިޔާޒު ރާއްޖެ ދޫކޮށް ލަންކާއަށް ބަދަލުވީ އެމްއެެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން އަލްޖަޒީރާއިން ތައްޔާރު ކުރި އިންވެސްޓިގޭޓިވް ޑޮކިއުމެންޓްރީއަކަށް މައުލޫމާތު ދެއްވުމާއި ގުޅިގެން ލިބެމުން ދިޔަ އިންޒާރުތަކާއި ގުޅިގެންނެވެ.

ލަންކާގައި ހުންނަވައި ނިޔާޒު ވަނީ ސަރުކާރު ތެރޭގައި ހުރި ކަރަޕްޝަނާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ނާކާމިޔާބު ވުމާއި ގުޅިގެން ރާއްޖޭން ބޭރުގައި ތިއްބެވި ލީޑަރުންގެ ތެރެއިން ރައީސް ނަޝީދު ވަނީ ނޮވެމްބަރ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެކަން އިއްލާން ކުރައްވާފައެވެ.