Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަށް އޮފީހެއް ހަމަޖައްސައިފި

ޑީޖީޓީގެ މަގާމަށް ލަތީފް އައްޔަން ކުރެވުނު ކަމުގެ ލިޔުން ހަވާލު ކުރަނީ: ފޮޓޯ: މިހާރު

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން އައްޔަންކުރައްވާފައިވާ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)، އަހުމަދު ލަތީފް (ސީވީޑް ލަތީފް) އަށް އޮފީހެއް ހަމަޖައްސައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ، ޑީޖީޓީގެ އޮފީސް ހިންގާނީ ސްޓެލްކޯ އިމާރާތުގައި ކަމަށެވެ. އަދި އިދާރީ މުވައްޒަފުން ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ވެސް ސަރުކާރުން ދީފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

ސީވީޑް ލަތީފް ޑީޖީޓީގެ މަޤާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އޭނާ އަކީ ރާއްޖެއިން ޗައިނާއަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރެވެ. މިހާރު އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސެވެ. އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ.

ޑީޖީޓީ ވާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންތިހާބީ ރައީސަށް މަސައްކަތް ކުރައްވާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއުންބުއިމާއި ދިރިއުޅުއްވުމުގެ ހަރަދު ހަމަޖައްސައި ދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށް ދިނުމަށް މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓްރީންނަށް ވެސް ވަނީ އަންގާފައެވެ.

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން ސިޔާސީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.