މިދިޔަ ސެޕްޓެމްބަރ މަހުގެ 28 ވަނަ ދުވަހު ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން ބޭއްވި ކޮންގްރެސްގެ ނިންމުން ބާތިލް ކުރުމުގެ ޤާނޫނީ އެއްވެސް ބާރެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލިބިގެންވާ ކަމަކަށް ޤަބޫލު ނުކުރާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ކޮންގްރެސް ބާއްވާފައި ވަނީ ޕާޓީގެ އަސާސީ ޤަވާއިދާއި ދިވެހިރާއްޖޭގެ ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާ ސިވިލް ކޯޓުގެ ޙުކުމްގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، އީސީ އަށް ކުރިއާލައި އަންގައިގެން ކަމަށެވެ.
"މިޕާޓީގެ ޚާއްސަ ގޮތުން ބޭއްވުނު ޤައުމީ ޖަލްސާއަކީ މިޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތިން ޕާޓީގެ ކައުންސިލުން ނިންމައިގެން، މަންދޫބުން ބައިވެރިކުރެވިގެން ބޭއްވުނު ޤައުމީ ޖަލްސާއަކަށް ވެފައި، އެޖަލްސާ ބާއްވާކަން އާންމުކޮށް އިއުލާނުކުރެވިގެން ކުރިއަށް ގެންދެވުނު ޖަލްސާއެކެވެ. ހަމައެއާއެކު، އެޖަލްސާ ބާއްވާކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމުން އެކަން ބަލައިގަނެ، އެ ޖަލްސާގެ ކަންކަން އޮބްޒާވް ކުރެއްވުމަށް އެކޮމިޝަންގެ ފަރާތުން އޮބްޒާވަރުންވެސް ވަނީ ފޮނުއްވާފައެވެ. ހަމަ އެއާއެކު އެ ކޮމިޝަންގެ ފަރާތުން ޖަލްސާގެ ކަންކަން އޮބްޒާވް ކުރެއްވުމަށް ވަޑައިގެންނެވި އޮބްޒާވަރުންގެ ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބުދާރީވެ، އިތުރަށްވެސް ޖަލްސާގެ ކަންކަން ވާނީ އޮޅުން ފިލުވައި ދެވިފައެވެ"، އެ ބަޔާނުގައި ވެއެވެ.
ޕީޕީއެމް އިން ބުނީ ޖަލްސާގައި ޤަވާއިދުތަކާއި އުސޫލުތަކާއި ޚިލާފަށް އެއްވެސް ކަމެއް ހިނގާފައި ނުވާކަން އެ އޮބްޒާވަރުންގެ ފަރާތުން ކަށަވަރުކޮށްފައިވާ ކަމަށާއި، ޖަލްސާގައި ފާހަގަނުކުރައްވާ "އިޖުރާޢީ" ނުކުތާއެއްގެ މައްޗަށް އެ ޖަލްސާ އެންޑޯޒް ކުރެވެން ނެތް ކަމަށް ނިންމުމުގެ ޤާނޫނީ އެއްވެސް ބާރެއް އީސީ އަށް ލިބިގެންވާ ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.
"މިޕާޓީގެ ޅާއްސަ ގޮތުން ބޭއްވި ޤައުމީ ޖަލްސާގެ ކަންކަން ނިމި، އެކަން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބަލައިގަތުމަށްފަހު އެ ޖަލްސާއާއި ޖަލްސާގެ ނިންމުންތައް އެންޑޯޒް ނުކުރަން ނިންމާފައިވާ ނިންމުމަކީ ވަރަށްވެސް ޒިންމާދާރުކަން ކުޑަ ނިންމުމެކެވެ."، އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިއްލުކަމާ ދޭތެރޭ ސުވާލު އުފެދޭ ފަދަ އެތައް ކަމެއް ފެންމަތިވެފައިވާ ދުވަސްވަރެއްގައި، އެކަންކަމާމެދު ސުވާލު ކުރެވެން ފެށުމާއެކު އެ ކޮމިޝަންގެ ފަރާތުން މިފަދަ ތަސައްރަފް ނުފުދޭ ނިންމެވުންތައް ނިންމެވުމަކީ ކޮމިޝަންގެ މިނިވަންކަމާއި މުސްތަޤިއްލުކަމާމެދު ދެކެވޭ ވާހަކަތަކުގެ ޙަޤީޤަތެއް އޮތުން ކަމުގައި ގަބޫލުކުރެވޭ ކަމަށްވެސް ޕީޕީއެމް އިން ބުނެއެވެ.
ޕީޕީއެމް އިން މިހެން ބުނެފައި ވަނީ، އިޖުރާއުތައް ފުރިހަމަ ނުވާތީ ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށްފަހު މެމްބަރުންގެ އިއްތިފާގުން ނިންމުމާއި ގުޅިގެންނެވެ.