ސަރުކާރު ހިންގާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ސެކެޓްރީ ޖެނެރަލްގެ މަޤާމަށް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހަމަޖައްސައިފި އެވެ.
މުންދު އެ މަޤާމަށް އައްޔަންކޮށްފައި ވަނީ މިހާރު ޕީޕީއެމް އިން ކުރިއަށްގެންދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއްގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މުންދު އެ މަޤާމަށް އައްޔަންކޮށްފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް، އެ ޕާޓީގެ ކޮންގްރެސްގައި ކައުންސިލް މެމްބަރަކަށް އިންތިހާބު ކޮށްފައި ވާތީ އެވެ.
މުންދު ވަނީ ރާއްޖެއިން ލަންކާ އަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމާއި، ޖަޕާންގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފަ އެވެ. އަދި މުންދު ވަނީ މި ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައިވާ މުންދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސަރުކާރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ވެސް ކުރައްވާފައެވެ.