ލީކުވެފައިވާ ކާކުކަން ނޭނގޭ މީހަކާއި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް، އަހްމަދު ޝަރީފް އާއި ދެމެދު ދެކެވޭ ވާހަކަތަކުގެ އޯޑިއޯ އާއި ބެހޭ ގޮތުން ޖަވާބުދާރީވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އިން އީސީ އަށް ގޮވާލައިފި އެވެ.
ޕީޕީއެމް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 23 ސެޕްޓެމްބަރު ގައި ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން އަދި އިންސާފްވެރި އިންތިޚާބެއް ނޫންކަން ދޭހަވާފަދަ ގޮތަކަށް އީސީގެ ރައީސް، އަހްމަދު ޝަރީފް އާއި ކާކުކަން ނޭނގޭ މީހަކާއި ދެމެދު ދެކެވުނު ވާހަކަތަކަށް އެ ކޮމިޝަނުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.
އަދި އެ އޯޑިއޯގެ ސަބަބުން އިންތިޚާބާއިމެދު ޝައްކު އުފެއްދޭނެ ފުރުސަތު މަގުފަހިވެފައިވާ ކަމީ ހިތާމަހުރި ކަމެއް ކަމަށްވެސް ޕީޕީއެމް އިން ބުނެއެވެ.
މީގެ އިތުރުން އިންތިޚާބުގެ ނަތީޖާއާއި ޕީޕީއެމް އިން ދެކޮޅު ނަހަދާ ކަމަށާއި، ނަމަވެސް މި އޯޑިއޯގެ ޒާތުގެ ސަބަބުން ރައްޔިތުންގެ ޙައްޤުތަކަށް ގެއްލުން ލިބިފައިވާ ކަމަށްވެސް ޕީޕީއެމް އިން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން، ކަމާއިބެހޭ ފަރާތްތަކުން މި މައްސަލަ އިތުރަށް ބަލައި ތަހުޤީޤު ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށްވެސް ޕީޕީއެމް އިން ފާހަގަކުރެއެވެ.