Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

ވަކިކުރުމުގެ ކުރިން މަސީހު އަމިއްލައަށް އިސްތިއުފާ ދީ: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދު، އެ މަޤާމުން ވަކި ކުރުމަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމުގެ ކުރިން ރީތި ގޮތުގައި އަމިއްލައަށް އިސްތިއުފާ ދެއްވުމަށް ގުޅިފައިވާ ޕާޓީތަކުން ގޮވާލައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން މިހެން ގޮވާލާފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ވިދާޅުވީ ރައްޔިތުންނަށް ޓަކައި ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަންޖެހޭ ވަރަށްގިނަ މަސައްކަތް އެބަހުރި ކަމަށާއި، އެކަން ކުރުމަށްޓަކައި ފުރަތަމަ ވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަދަލު ކުރައްވާނެ ކަމަށެވެ.

އަދި މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުން ނޫން ޗޮއިސްއެއް މަސީހުއަކަށް ނެތް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވީ، އިސްތިއުފާ ނުދެއްވައިފިނަމަ، މަޖިލީހުގެ ޤަވާއިދު ތަކުގެ ތެރެއިން މަސީހުގެ އިތުބާރު ނެތް ކަމަށް ނިންމައި ރައީސް ކަމުން ދުރުކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ނިންމުމާއެކު، ރައީސް ޔާމީން މަޖިލީހުގައި އަޅުވާފައިވާ ތަޅު ނެއްޓިއްޖެ ކަމަށާއި، މިހާރު ހުރިހާ މެންބަރުންނަށް ވެސް މަޖިލީހަށް ވަދެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިޔުމުގެ ކުރިން ރީތި ގޮތުގައި އަމިއްލައަށް އިސްތިއުފާ ދީފައިވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ރައްޔިތުންނަށް ހުރަސް އަޅަމުން މަސީހު ގެންދަވާތާ މިހާރު ދެ އަހަރާއި ބައި ވެގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ނުހުރެވޭނެ ކަން މަސީހަށް އެނގިވަދާއިގަންނަވާނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ޤާނޫނާއި އެންޓި ޑިފެކްޝަން ބިލް ވެސް އުވާލަން އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ވަނީ މިއދު ނިންމާފައެވެ.