އަދުލު އިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މާދަމާ ފެށުމަށް ހައި ކޯޓުގައި ތާވަލްކޮށްފި އެވެ.
ރައީސް މައުމޫންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ފުލުހުންގެ ތަހުޤީޤަށް ފޯނު ނުދިން މައްސަލައިގައެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް މިހާރު ވަނީ ކަފާލާތުގެ ދަށުން ހައި ކޯޓުގެ އަމުރަކުން މިނިވަންކޮށްފަ އެވެ. މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.