ރިޔާސީ އިންތިހާބުގެ ނަތީޖާ "އޮޅުވާލި"ކަމަށް ބުނެ ޕީޕީއެމްއިން ބާއްވާ މުޒާހަރާތަކަށްދާ މީހުން ދުވަހުން ދުވަހަށް މަދުވާން ފަށައިފިއެވެ.
އިންތިހާބްގެ ނަތީޖާ ގަބޫލް ނުކޮށް އިލެކްޝަން ކަމިޝަންގެ ރައީސް އާއި މެމްބަރުން ހައްޔަރު ކުރުމަށް ގޮވާލަން ރޭ ބޭއްވި ހަރަކާތަށް އެތަނަށް ގޮސްފައިވަނީ 18 ވަރަކަށް މީހުންނެވެ.
ރޭވެސް ރައީސް އަބްދުﷲ ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ބައިވެރިންނާއި މުހާޠަބުކޮށް ގަރާރެއް ފާސް ކުރިއެވެ. އިއްޔެ ރޭ މުއާޒު ފާސް ކުރި ގަރާރަކީ އިންތިހާބީ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކަމަށެވެ.
ރޭގެ ގަރާރަކީ އިލެކްޝަން ކަމިޝަނުން 12 މެމްބަރުންގެ ގޮޑި ނުގެއްލޭކަމަށް މަޖްލިސް އާއި އެ 12 މެމްބަރުންނަށް އެންގި އެންގުން ސްޕުރީމް ކޯޓުން ބާޠިލް ކުރުމާއި ގުޅިގެން މުއާޒު ފާސް ކުރި ގަރާރެކެވެ.
މުއާޒުގެ އެގަރާރުގައި ވަނީ 12 މެމްބަރުންގެ ގޮޑި އާއި މެދު އީސީން ނިންމި ނިންމުގައި ބައިވެރިވި ހުރިހާ މެމްބަރުން ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވިކަމަށް ބުނެފައެވެ.
އިންތިހާބު ގަބޫލް ނުކޮށް ޕީޕީއެމްއިން ބޭއްވި ފުރަތަމަ މުޒާހަރާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް ފާއިތުވި ދެ ރޭ އެމަނިކުފާންގެ ހިލަމެއް ފެނިވަޑައިގެންފައި ނުވެއެވެ.
ރިޔާސީ އިންތިހާބު ޕީޕީއެމް ގަބޫލް ނުކޮށް މަގުތަކަށް ނިކުންނަން ގޮވާލަމުންދާ އިރު ރައްޔިތުން އެއަޑުތަކަށް އިޖާބަދޭތަނެއް ނުފެނެއެވެ.