ނިމިގެން ދިޔަ ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ރައީސް އަބްދުﷲ ޔާމީން ބަލިވެވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ ބަލިވި ސަބަބެއް ވިސްނާ ވިސްނާ ނޭނގުނު ކަމަށް ޕޯޑިއަމްތަކުގައި ވިދާޅުވެފައެވެ. އަދި އިބޫ ސޯލިހް ޖެއްސީ ކޮން ޖާދުލެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ބަލިވި ސަބަބު އޮޅުންފިލުވައި ދެއްވަމުން ރޭ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ 8 ސަބަބެއް ބަޔާން ކޮށްދީފައެވެ.
އޭގެ ތެރޭގައި ކަންފަތުން އަޑު ނޭހުމާއި، ލޮލުން ނުބެލުމާއި ކަލްކިއުލޭޓަރު ބޭނުންނުކޮށް ހިސާބު ހެދުމާއި ތާސް ކުޅުން އިންނެވުމާއި ރަހުމަތްތެރިންނާ ގާތްތެރިންނަށް އަޅާ ނުލުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން ތިމާގެ މީހުންނާ ގުޅުން ކަނޑާލުމާއި ޒަމާނުއްސުރެ އެހީތެރިވި މީހުންނަކީ ނެތް ބަޔެއްގެ ގޮތުގައި ހެދުމާއި އިޚުލާސްތެރި ރަހުމަތްތެރިންނާ ވަކިވުމަކީވެސް އެމަނިކުފާނު ބަލިވުމަށް މަގުފަހިވި ސަބަބުތައް ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ރައީސް ޔާމީންގެ ކެމްޕޭނު ޖަގަހައެއް ވެސްޓު ޕާކުގައި ހުޅުވުމަކީ ވެސް ހެދުނު ގޯހެއް ކަމަށެވެ. ވެސްޓްޕާކަކީ ކޮފީ ބޯން އޭނާ ހެއްދެވި ތަނެއް ކަމަށާއި އެތަނުން ރައީސް ޔާމީނަށް ލިބޭނެ ވޯޓެއް ނޯންނާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ވިދާޅުވެފައިވެއެވެ.
ޖާބިރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ދިރިއުޅުއްވުމަށް ފަހު އިންތިޚާބު ނިމުމުން އެނބުރި ރާއްޖެ ވަޑައިގެންފައެވެ.