Last Updated: April 24, 09:15
Wednesday, April 24, 2024
ޚަބަރު

"ލައިފް އިން އަ މެޓްރޯ" ގެ ސީކުއެލްގައި އަދިތްޔާ އަދި ތާޕްސީ

އަދިތްޔާ ރޯއީ ކަޕޫރު އަދި ތާޕްސީ ޕަންނޫ

އަނޫރާގް ބާސޫ 2007 ވަނަ އަހަރު އުފެއްދި ކާމިޔާބު ފިލްމު "ލައިފް އިން އަ މެޓްރޯ"ގެ ސީކުއެލްގައި ފުރަތަމަ ފަހަރަށް އަދިތްޔާ ރޯއީ ކަޕޫރު އަދި ތާޕްސީ ޕަންނޫ އެކުގައި މަސައްކަތް ކުރަން ތައްޔާރު ވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމުގައި މި ދެތަރިންގެ އިތުރުން ސައިފް އަލީ ޚާން، ރާޖް ކުމާރް ރާއޯ، ފާތިމާ ސަނާ ޝެއިޚް އަދި އިތުރު ތަރިންވެސް ހިމެނޭ ކަމަށް ވެއެވެ.

މި ފިލްމުގައި ތަފާތު ރޯލްތައް ފެނިގެންދާނެއެވެ. ފާއިތުވެދިޔަ އަހަރު އަދިތްޔާގެ މާ ކާމިޔާބު މަސައްކަތްތަކެއް ފިލްމު އިންޑަސްޓްރީގައި ފެނިފައިނުވި ނަމަވެސް މިހާރު އޭނާ ދަނީ ބެލުންތެރިން ޝައުގުވެރި ކުރުވާނެފަދަ ފިލްމުތަކަކަށް ތައްޔާރުވަމުންނެވެ. އެގޮތުން ފިލްމް"ކަލަންކް"، އަދި "ސަޑަކް 2" ހިމެނެއެވެ. "ސަޑަކް2" ގައި އަދިތްޔާ އާއެކު އާލިޔާ ބަޓް އަދި ސަންޖޭ ދަތު ފެނިގެންދާނެއެވެ.

ތާޕްސީ އަކީ މަޝްހޫރުވެގެން ދިޔަ ފިލްމު" ޕިންކް" އިން ބެލުންތެރިންގެ މަޤްބޫލުކަން ހޯދާ "ޖުޅުވާ 2" ގައި ވަރޫން ދަވަން އަދި ޖެކްލިން އާއެކު ހުނަރުވެރި ހަރަކާތްތަކެއް ދައްކާފައިވާ ތަރިއެކެވެ.