69.77 ޕަސެންޓުން ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވި ކަމަށް "ގަރާރަކުން" ޕީޕީއެމްއިން ކަނޑައަޅައިފިއެވެ.
ރައީސް ޔާމީން އިންތިހާބު ކާމިޔާބު ކުރެއްްވި ކަމަށް ކަނޑައެޅީ ބުދަ ދުވަހުގެ ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި އޮތް އެއްވުމުގައި ރައީސް ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ހުށަހެޅުއްވި ގަރާރު އެތަނަށް ގޮސްތިބި މީހުން އަތް ނަގައި ފާސްކޮށްގެންނެވެ.
ޕީޕީއެމްއިން އަންގާރަ ދުވަހުގެ ރޭ ވަނީ ގަރާރަކުން އިންތިހާބީ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހު ނޫންކަމަށްވެސް ފާސްކޮށްފައެވެ. އެގަރާރަކީވެސް މުއާޒު ހުށަހެޅުއްވި ގަރާރެކެވެ.
ޕީޕީއެމްއިން ސިލްސިލާ ގޮތެއްގައި މުޒާހަރާ ބާއްވައި، ރައިސް ޔާމީން ރައިސް ކަމަށް ގެންނަން އުޅުއްވާ އިރު ދައުލަތުގެ ހުރިހާ ވަސީލަތް ބޭނުން ކުރައްވައި އިންތިހާބަށް ނިކުމެ ވަޑައިގަތުމުން ލިބި ލެއްވީ 41.6 ޕަސެންޓެވެ. އިންތިހާބް ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 58.4 ޕަސެންޓު ހޯއްދަވާފައެވެ.