Last Updated: June 22, 20:19
Tuesday, June 23, 2026
ޚަބަރު

އާ މަޝްރޫއުތައް ފެށުން މަޑުޖައްސާލަން އެދިއްޖެ

އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: އޭޕީ

ސަރުކާރު ބަދަލުވުމުގެ މަރުޙަލާގައި އެއްވެސް އާ މަޝްރޫޢެއް ނުފެށުމަށް، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ފަރާތްޕުޅުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.

ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން، އަހްމަދު ލަތީފް ސޮއިކުރައްވައި ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި، ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ރާއްޖޭގެ ރައީސްކަމުގެ މަޤާމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބުވުމާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ މަސައްކަތްތައް މިހާރު ފެށިފައިވާ ކަމަށެވެ.

އެހެންކަމުން މި މަރުޙަލާގައި އައު މަޝްރޫޢުތަކަށް ޓެންޑަރަށް ހުޅުވައިނުލުމަށާއި، އައު މަޝްރޫޢުތައް ނުފެށުމަށާއި، ދައުލަތުގެ ނަމުގައި ލޯނު ނުނެގުމަށާއި، ދައުލަތުން މާލީ ޒިންމާއެއް އުފުލަންޖެހިދާނެ ފަދަ އެއްވެސް މުޢާމަލާތެއް ނުނިންމެވުމަށް އިންތިޚާބީ ރައީސް، އިބޫ، އެދިވަޑައިގަންނަވާ ކަމަށެވެ.

އިންތިޚާބު ބަދަލުވުމުގެ މަރުހަލާގެ ކަންކަން އިދިކޮޅު ޕާޓީތަކުގެ ފަރާތުން ކުރިިޔަަށް ގެންދަނީ އެމްޑީޕީގެ މެންބަރު އަބްދުﷲ ޝާހިދު އެވެ. ސަރުކާރުގެ ފަރާތުން އެ މަސައްކަތް ކުރުމަށް ޓްރާންސިޝަން ޑީޖީއެއްގެ މަގާމް އަދާ ކުރައްވަނީ އަހުމަދު ލަތީފް އެވެ.