ސ. ގަމަށް ދަތުރުތައް ފެށުމަށް ސްރީ ލަންކަން އިން ޝައުގުވެރިކަން ފާޅުކޮށްފައިވާތީ ބޭރުގެ އެއްވެސް އެއާލައިންއަކަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހުއްދަ ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ދިވެހި އެއާލައިންތައް ބަނގުރޫޓް ވާނެ ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން ބުނެފި އެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ގަމަށް ސްރީލަންކަން އިން ދަތުރު ފެށުމާއި ގުލޭ ގޮތުން ސަރުކާރުން ލަފައަށް އެދުމުން އެކަމާއި ދެކޮޅު ކަން އަންގާފައިވާ ކަމަށެވެ.
ހާރިސް ވިދާޅުވީ ސްރީ ލަންކަން ފަދަ ބޮޑު އެއާލައިނަކަށް އެތެރޭގެ އުދުހުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދީފި ނަމަ ވާދަވެރިކަން ގެއްލި ކުދި އެއާލައިންތައް ބަގުރޫޓު ވެދާނެ ކަމަށެވެ.
ސްރީ ލަންކަންއިން ވަނީ ގަމާއި ލަންކާ އާއި ދެމެދު ސީދާ ފްލައިޓް ބޭއްވުމަށް ސަރުކާރުގައި އެދިފަ އެވެ. އަދި އެކަން އެއާލައިނުން ވަނީ ބޭރުގެ މަޝްހޫރު ޓްރެވަލް މީޑިއާތަކުގައި ބުނެފަ އެވެ.
ސްރީ ލަންކަން އިން ސަރުކާރުގައި އެދިފައި ވަނީ ހަފުތާއަކު ދެ ފަހަރު ފްލައިޓްތައް ބޭއްވުމަށް ކަމަށެވެ. އެގޮތުން ލަންކާ އާއި ގަން އަދި ގަމުން މާލެއަށް ފްލައިޓްތައް ބޭއްވުމަށް ވެސް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.
ގަމާއި ލަންކާ އާއި ދެމެދު ދަތުރު ފެށުމަށް ސަރުކާރަށް އުނދަގޫވެގެން އުޅެނީ ވެސް މޯލްޑިވިއަންގެ ކަންބޮޑުވުންތަކެއް ހުރުމުންނެވެ. ސްރީ ލަންކަން އާ އެކު މަޝްވަރާތަކެއް ދިޔަ ނަމަވެސް އެ އެއާލައިނުން ގަމަށް ދަތުރުތައް ފެށުމަށް އަދި ހުއްދައެއް ނުދެ އެވެ.