އދ ގެ ރެޒިޑެންޓް ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ޝޮކޯ ނޮޑާ، އިންތިޚާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޝޮކޮ ނޮޑާ ރާއްޖޭގައި ހުންނަ އދ ގެ ކޯޑިނޭޓަރު އަދި ޔޫއެންޑީޕީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމުގެ މަޤާމާއި ހަވާލުވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.
މިއަދު ކުރިއަށްގެންދިޔަ މި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.
ރިޔާސީ އިންތިޚާބު އިބޫ ކާމިޔާބުކުރެއްވުމާއި ގުޅިގެން އެކިއެކި ފަރާތްތަކުން ދަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި އަދި ފޯނުން ގުޅުއްވައި ވެސް މަރުޙަބާ ދަންނަވަމުންނެވެ.
އެގޮތުން އެމެރިކާގެ ސެކިއުރިޓީ ކައުންސިލުން ވެސް ވަނީ މިއަދު އިބޫ އަށް މަރުޙަބާ ކިޔައިފަ އެވެ.
ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުން ބަސް އިއްވައިފި ކަމަށާއި އިބޫ ސޯލިހްގެ ވެރިކަމެއްގައި ދިވެހި ދައުލަތާއެކު މަސައްކަތް ކޮށް، ދެގައުމުގެ ދެމެދުގައި ގާއިމުވެފައިވާ އެކުވެރިކަން އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ކުރުމަށް އެދޭ ކަމަށެވެ.
އެމެރިކާގެ ސެކިއުރިޓީ ކައުންސިލްގެ އިތުރުން ވެސް ވަރަށް ގިނަ ގައުމުތަކުން ވަނީ އިބޫއަށް މަރުހަބާ ދަންނަވާފައެވެ. ނަމަވެސް މިހާރު ވެރިކަމުގައި އޮތް ޕީޕީއެމުން ގެންދަނީ އިންތިޚާބު ބާތިލުކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އަދި ރޭ އެޕާޓީން ވަނީ އިބޫ އަކީ އިންތިޚާބީ ރައީސް ނޫން ކަމަށް ކަނޑައަޅާ ގަރާރެއް ވެސް ފާސްކޮށްފައެވެ.