އިންތިހާބުން ބަލިވި ނަމަވެސް ރައީސް ޔާމީން ހުންނެވީ އަމާން ދެއްވައި ގެއަށް ވަޑައިގަންނަވާ ގޮތަށް ނޫންކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން ބާއްވަމުން ގެންދާ ސިލްސިލާ ނޫސް ކޮންފަރެންސްގެ ތެރެއިން މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސްގައި ނިލަންދޫ ދާއިރާގެ މެމްބަރ އަބްދުﷲ ހަލީލު ވިދާޅުވީ އިލެކްޝަން ކަމިޝަނާއި ގުޅޭ ގޮތުން ލިބެމުންދާ ޝަކުވާތަކަކީ ދޫކޮށްލެވޭނެ ވަރުގެ ޝަކުވާ ތަކެއް ނޫން ކަމަށެވެ.
"ޕީޕީއެމްގެ ހުރިހާ މެންބަރުންނާއި ޕީޕީޕީއެމްއަށް އަދި މި ގައުމުގެ ދެކެ ލޯބިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން އޮތީ ރައީސް ޔާމީން ހުންނެވީ އިރާދަފުޅު ކުރެއްވީއާ ވަރަށް ހިތްވަރު ފުޅާއެކު، ދިވެހި ރައްޔިތުންގެ މިގޮތަށް ހައްގު ގެއްލިގެންދާ ކޮންމެ ފަހަރަކު އެމަނިކުފާނަކީ އެންމެ ވަރުގަދައަށް ނުކުމެވަޑައިގަންނަވާ ބޭފުޅެއް ކަން ތާރީހު ހެކި ދޭނެ، މިއަދު ވެސް އެމަނިކުފާނު އެ ހުންނެވީކީ އެއްގޮތަކަށް ވެސް މިޒާތުގެ ކަންތައްތައް ވަމުންދާ އިރުގައި އަމާން ދީފައި ގެއަށް ވަޑައިގަންނަވާކަށް ނޫން،"
ހަލީލު ވިދާޅުވީ އިލެކްޝަން ކަމިޝަނާއި ގުޅޭ ގޮތުން މިދެެކެވޭ ވާހަކަތަކަށް ކަމިޝަނުން ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ. އަދި އޮޅުވާލައިގެން އަންނަ އިންތިހާބަކުން ހޮވޭ ރައީސަކީ ޖާއިޒު ބޭފުޅެއްކަމަށް ބެލޭނެ ޖާގައެެއް ނެތްކަމަށެވެ.
ރައީސް ޔާމީން ހުންނަވާނެ ޕްރެޝަރު އެނގިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނަކީ ފަސޭހައިން ދޫ ދެއްވާނެ ބޭފުޅެއް ނޫންކަމަށް ހަލީލު ވިދާޅުވިއެވެ.
ހަލީލު މިފަދައިން ވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލް ނުކުރައްވާ ޒާތަށް ރައީސް މިހާރު ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ދާދި ފަހުން ބޭއްވި ޕީޕީއެމް މުޒާހަރާއެއްގައި އެމަނިކުފާން ވިދާޅުވީ އިންތިހާބުން ލިބިވަޑައިގަތީ 96،000 ވޯޓުކަމަށް ގަބޫލް ނުކުރެއްވޭކަމަށެވެ.