ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަބަލުން ފާޠިމަތު އިބްރާހިމް (މެޑަމް ފާތުން) ގައުމު ދޫކޮށް ނުފިއްލަވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެއެވެ.
މުއާޒު މިފަދައިން ވިދާޅުވެފައިވަނީ މެޑަމް ފާތުން މިއަދު ހަވީރު ސައުދީ އަރަބިއާއަށް "ފިއްލަވައިގެން" ފުރާވަޑައިގެންނެވިކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅޭ ގޮތުން "މިހާރު" ނޫހުން ސުވާލު ކުރެއްވުމުންނެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން، ރައީސް ޔާމީން އަދި ފަސްޓް ލޭޑީ ވެސް މި ގައުމު ދޫކުރައްވައި ނުފިއްލަވާނެ ކަން،" މުއާޒް އާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.
މެޑަމް ފާޠުންގެ ދަތުރުފުޅާއި ގުޅޭ ގޮތުން މުއާޒު އެއްްވެސް ޖަވާބެއް ނުދެއްވައެވެ.މެޑަމް ފާޠުން ވަނީ ހަނގު ދަރިކަލުންނާއި އެކު މިއަދު ހަވީރު ސައުދީ އެއާލައިންގަ ފުރާ ވަޑައިގެންފައެވެ.
މެޑަމް ފާޠުންއަކީ ރައީސް ޔާމީންގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރާކާތްތެރިވި ފަރާތެވެ. ޓީމް ހައްދަވައިގެން ރާއްޖޭގެ އެކި ކަންކޮޅު ތަކަށް ދަތުރު ކުރައްވައި ރައީސް ޔާމީނަށް ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރެއްވި އިރު އެކަމަނާ އުފައްދާފައިވާ ސަދަގާތް ފައުންޑޭޝަނަކީ ރާއްޖެއަށް ސައުދީން ހަދިޔާ ކުރި ކަދުރު ބެހި ޖަމިއްޔާއެވެ.
މެޑަމް ފާޠުން ވަނީ ރާއްޖޭގައި ޑެންގީ ހުން ފެތުރެމުން ދިޔަ ދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު ޕެނަޑޯލް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބައްސަވާފައެވެ.
މެޑަމްގެ ސަދަގާތް ފައުންޑޭޝަން އާއި ގުޅޭ މައްސަލަތަކެއް އޭސީސީންވެސް ބެލިއެވެ. އެކަމަކު އޭސީސީން ބުނެފައިވަނީ މައްސަލައެއް ނެތް ކަމަށެވެ.