Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

އިބޫ ހުވާކުރެއްވުން ގަލޮޅު ދަނޑުގައި ބާއްވަނީ

ރިޔާސީ އިންތިހާބު ކާމިޔާބް ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވުމަށް ނިންމާފައިވާކަމަށް އެމްޑީޕީން ބުނެފިއެވެ.

އިބޫގެ ހުވާ ކުރުމުގެ ކަންކަން އިންތިޒާމް ކުރާ ކޮމެޓީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވީ ގަލޮޅު ދަނޑުގައި ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ ވީހާވެސް ގިނަ އާއްމު ރައްޔިތުންނަށް އެެރަސްމިއްޔާތުން ފުރުސަތު ދިނުމަށްކަމަށެވެ.

އިބޫގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް އަވައްޓެރި ގައުމުތަކުގެ އިސްވެރިންނަށް ވަނީ ދައުވަތު ދެއްވާފައެވެ. އެގޮތުން މިހާތަނަށް އެރަސްމިއްޔާތުގައި ޕާކިސްތާނުގެ އާބޮޑުވަޒީރު އިމްރާން ހާން ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިންނާއި ބޭރުގެ މިޝަންތަކުގެ އެމްބެސަޑަރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް ހަސަން ލަޠީފު ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ދަރުބާރުގޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.