Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ނާޒިމް ރަޝާދާއި ހުސައިން މަނިކު ޕީޕީއެމް ޕީޖީގެ ވައިބަރ ގްރޫޕުން ބޭރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދުގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު، ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓަރީ ގްރޫޕްގެ ވައިބަރ ގްރޫޕުން ބޭރުކޮށްލައިފި އެވެ.

"ވަން އޮންލައިން" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ ޚަބަރު ޕީޕީއެމްގެ އިސް އޮފިޝަލަކު ކަށަވަރުކޮށްދެއްވި ނަމަވެސް، އެކަމާއި ބެހޭ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

2014 ވަނަ އަހަރު ޕީޕީއެމް އާއި ގުޅިވަޑައިގެންނެވި ނާޒިމް ރަޝާދަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެމްބަރެކެވެ. އަދި ހުސެއިން މަނިކު ވަނީ ނިމިގެންދިޔަ ރިޔާސީ އިންތިޚާބު 58%ގެ އަޣުލަބިއްޔަތަކުން ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތަޢުރީފް ކުރައްވައި ވާހަކަދައްކަވާފައެވެ.

އަދި ހުސެއިން މަނިކު ވަނީ އިންތިޚާބުގައި ލިބުނު ނާކާމިޔާބީ އާއި ގުޅިގެން ޕީޕީއެމްގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެމްބަރު އަލީ ފަޒާދު ވެސް ޕީޕީއެމް އިން ވަކިކޮށް، އޭނާގެ ގޮނޑި ގެއްލުވާލާފައެވެ. ފަޒާދު ޕީޕީއެމް އިން ވަކިކުރުމުގެ ހަފްތާއެއް ކުރިން އޭނާ ވަނީ އެ ޕާޓީގެ ޕީޖީގެ ވައިބަރ ގްރޫޕުން ބޭރުކޮށްފަ އެވެ. އެކަމާއި ގުޅޭގޮތުން ޕީޕީއެމް ޕީޖީ ލީޑަރ، އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ފަޒާދު ވައިބާ ގްރޫޕުން ރިމޫވްކުރީ ފޯނު ނުނެގުމާއި ބައެއް ވާހަކަތަކަށް އޭނާގެ ފަރާތުން ޖަވާބު ނުލިބުމުން ކަމަށާއި، ޕީޕީއެމްގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ޕާޓީގެ އަސްލުތަކާ ޚިލާފަށް އަމަލު ކުރަމުން ގެންދަވާތީ އާއި ނަސޭހަތް ދިނުމަށް ފަހުގައި ވެސް އެކަން ޤަބޫލުކޮށްފައި ނުވާތީ ކަމަށެވެ.

ފަޒާދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެވެ.