ކޮރަޕްޝަނާއި ގުޅުންހުރި ފަރާތްތަކަށް، އެކަންތައްތަކަށް ޖަވާބުދާރީ ނުވެ ސަލާމަތްވެވޭފަދަ އެއްވެސް ސިއްރު ޑީލެއް ނަހަދާ، ދެފުށް ފެންނަ ގޮތަށް ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ކުރިއަށްގެންދިއުމަށް ޓްރާންޕޭރެންސީ އިންޓަނޭޝަނަލް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހުރިހާ ސިޔާސީ ފަރާތްތަކަށާއި ސިވިލް ސާވަންޓުންނަށް ގޮވާލައިފި އެވެ.
ޓްރާންސްޕޭރެންސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވެވަޑައިގަތުމުގެ ކުރިން، އޯގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް (އޯސީސީއާރްޕީ) އާއެކު މަސައްކަތްކުރާ ތަހުޤީޤީ ނޫސްވެރިން ހޯދާފައިވާ ގޮތުގައި އެންމެ 18 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް 50 އަށްވުރެ ގިނަ ރަށް ނުއަގުގައި ވިއްކާލާފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ ދެފުށްފެންނަ ބިޑިން މަރުހަލާއެއް ނެތި ކަމަށާއި، އެކަމުން ލިބުނު ފައިދާއިން ވައްކަންކޮށްފައިވާ ކަމަށެވެ. އަދި އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށް ކާކުކަން ނޭނގޭ ފަރާތަކުން ރައީސް ޔާމީނަށް 1.5 މިލިއަން ޑޮލަރު ލިބިވަޑައިގެންފައިވާކަން ވެސް ރިޕޯޓްކުރެވިފައިވާ ކަމަށެވެ.
ސަރުކާރު ބަދަލުކުރުމުގެ މަރުޙަލާގެ ކަންކަމުގެ ސައްޙަކަން ކަށަވަރުކުރުމުގެ ގޮތުންނާއި ސިއްރު މުޢާމަލާތްތަކާއި ސިޔާސީ ޑީލްތައް ހެދުމުގެ ފުރުސަތު ނުދިނުމުގެ ގޮތުން، މި މަރުޙަލާގައި ކުރިއަށްގެންދާ ހުރިހާ ބައްދަލުވުންތައް ހުޅުވިފައިވާ އަދި ދެފުށް ފެންނަ ގޮތަކަށް ކުރިއަށްގެންދިއުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝާނަލް އިން ވަނީ ގޮވާލާފައެވެ. އަދި ޚާއްސަކޮށް ބައްދަލުވުންތަކުގެ އާންމު ރެކޯޑެއް ބަލަހައްޓައި، ކޮންމެ ބައްދަލުވުމަށްފަހު ލަސްނުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ވެސް އެ ޖަމިއްޔާ އިން ވަނީ ގޮވާލާފައެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ، ޕެޓްރީޝިއާ މޮރޭރާ ވިދާޅުވީ ދެފުށް ފެންނަ ގޮތަކަށް ސަރުކާރު ބަދަލުވެގެން ދިއުމަކީ ހަމަޖެހޭ، ދެފުށް ފެންނަ ސަރުކާރެއް ޤާއިމްވުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ، މަރިޔަމް ޝިއުނާ ވިދާޅުވީ މިހާރުގެ ސަރުކާރުގެ އެއްވެސް ބޭފުޅަކު ހިންގަވާފައިވާ ޖަރީމާތައް ނުބެލޭ ގޮތަށް ކަންތައްތައް ހިނގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ފަހުގެ ރިޕޯޓްތައް ބުނާގޮތުން ދިވެހި ރައްޔިތުން އަތުން މަދުވެގެން 80 މިލިއަން ޑޮލަރުގެ ވައްކަން ކޮށްފައިވާ ކަމަށާއި، ދެފުށް ފެންނަ އަދި ޖަވާބުދާރީކުރެވޭ ގޮތަށް ބާރުތައް ބަދަލުކުރެވުމަކީ ރައްޔިތުންނަށް ލިބިފައިވާ ޙައްޤެއް ކަމަށްވެސް ޝިއުނާ ވިދާޅުވި އެވެ.