ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ބުދަހު ދުވަހު ސުޕްރީމް ކޯޓުން ހުޅުވާލާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ހަސަން ސައީދު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށް، އޭނާގެ މައްޗަށް ޖިނާޢީ ދައުވާ އުފުލައި، މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުން ހަސަން ވަކިކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަމަށްވާއިރު، އެ މަޤާމު ހުސްކޮށް އޮންނަތާ މިހާރު ވަނީ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައެވެ.
ސުޕްރީމް ކޯޓުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށެވެ. ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގެ ތައުލީމީ ޝަރުތުތަކަކީ ކަމާބެހޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް އޮތުމާއި، ދައުލަތުގެ އިދާރާއެއް ނުވަތަ ކުންފުންޏެއް ނުވަތަ ބޭރުގެ ޖަމާއަތެއްގެ ސީނިއާ މެނޭޖްމަންޓުގައި ތަޖުރިބާ ލިބިފައިވުމެވެ.
ފަސް އަހަރުގެ މުއްދަށް އައްޔަންކުރާ ބޭފުޅަކަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 47،000 ރުފިޔާ ލިބޭނެއެވެ.
ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި އެންމެ ފަހުން ހުންނެވި ހަސަން ސައީދުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެގެން އޭނާގެ މައްޗަށް ވަނީ 4 މަހާއި 24 ދުވަހުގެ ޖަލު ޙުކުމެއް އައިސްފަ އެވެ.
ހަސަންގެ މައްޗަށް ދެ ދައުވާ އެއް ދައުލަތުން އުފުލާފައިވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ދައުވާ އާއި ގާނޫނު ހިންގަން ހުރަސް އެޅުމުގެ ދައުވާ ކޮށްފައެވެ.