Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރިޔާސީ އިންތިހާބުގައި އޮޅުވާލުންތަކާއި ކަރަޕްޝަން ހިމެނޭ: އައިބީ

ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކާއި ކަރަޕްޝަން ހިމެނޭކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރ އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ ނިމިގެންދިޔަ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އޮޅުވާލުން ބޮޑު އިންތިހާބުކަމަށެވެ.

އައިބީ ވިދާޅުވީ އިންތިހާބާއި ގުޅޭ ގިނަ ކަންބޮޑުވުން ހުރިކަމަށާއި އިންްތިހާބުގައި މަކަރު ހަދާފައިވާކަމަށް ޝައްކު ކުރެވޭކަމަށެވެ.

"……ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު އޮޅުވާލުމާ ކޮރަޕްޝަން ހިމެނޭ އިންތިޚާބުކަން ސާބިތުވާވަރަށް އެނގޭ. ވޯޓު ފޮށި ކައިރިތިބި މީހުން އެބަ ބުނޭ އިންތިޚާބު ބާޠިލްކުރާ މިންވަރުގެ މައްސަލަތައް އެބަހުރިކަމަށް. 2013 ގައި އިންތިޚާބު ބާޠިލްކުރީ މިއަށްވުރެ ކުޑަ ކަމެއްގައި. މިފަހަރު މާބޮޑެތި ސާބިތުވާ ވަރުގެ ކަންކަން ސައްހަ ކަންކަން ފެނަން އެބަހުރި"

އައިބީ މިފަދައިން ވާހަކަ ދެއްކެވި އިރު ރިޔާސީ އިންތިހާބުގެ ވޯޓުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިޔައީ ޕީޕީއެމް އެކްޓިވިސްޓުންނެވެ. ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ވޯޓުލުމުގެ ކަންކަމުގައި ޝާމިލް ކުރާތީ އެތައް ޝަކުވާއެއްް ހުށަހެޅުނެވެ. ނަމަވެސް އެކަން ބަލާފައެއް ނުވެއެވެ.

އިންތިހާބު ނިމި ނަތީޖާ އިއްލާން ކޮށްފައިވަނީ ޕީޕީއެމްއަށް ވަފާތެރި އެކްޓިވިސްޓުންނެވެ.