Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތަށް އެއްބާރުލުން ނުދޭން މަގުމަތީ ގަރާރެއް ފާސްކޮށްފި

ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތަށް ދައުލަތުގެ އެއްވެސް މުވައްސަސާއަކުން އެއްބާރުލުން ނުދިނުމަށް ޕީޕީއެމްއިން "މަގުމަތީ ގަރާރަކުން" ފާސްކޮށްފިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ ގަބޫލް ނުކޮށް ޕީޕީއެމްގެ ފަރާތުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާގައި މިރޭގެ ގަރާރުވެސް ހުށަހެޅީ އާއްމުކޮށް ގަރާރު ހުށަހަޅުއްވާ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީއެވެ.

މިރޭގެ ގަރާރު ފާސް ކުރި ތާރީހަކަށް މުއާޒު ވިދާޅުވީ 25 އޮކްޓޯބަރ 2018ކަމަށެވެ.

ޕީޕީއެމްއިން މީގެ ކުރިން ވަނީ އިންތިހާބީ ރައީސަކީ އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކަމަށް ކަނޑައަޅާފައެވެ. އަދި ރޭ ވަނީ ރައީސް ޔާމީން 69 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ކަނޑައަޅާފައެވެ.

"އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމް އޮފީސް ކުރިމަތީގައި ބާއްވާ މުޒާހަރާއަށް ނިކުންނަނީ މަދު ބައެކެވެ. މުޒާހަރާގެ ފުރަތަމަ ރޭ ރައީސް ޔާމީން ވާހަކަފުޅު ދެއްކެވި ނަމަވެސް އޭގެ ފަހުން މުޅިންވެސް ވާހަކަ ދައްކަނީ އެކްޓިވިސްޓުންނާއި ކައުންސިލް މެމްބަރު މުއާޒުއެވެ.

ރޭ ޕާޓީގެ ޕީޖީ ލީޑަރ ނިހާން އާއި ޕާޓީގެ ނައިބް ރައީސް އަބްދުއް ރަހީމްގެ އިތުރުން ދެވަނަ ނައިބް ރައީސް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވާހަކަ ދެއްކެވިއެވެ.