ކުރީގެ ރައީސް މައުމޫން، ޖަލުގައި ހޭދަކުރެއްވި އަށް މަސް ދުވަހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ދެއްކެވި ހިތްވަރަށް މައުމޫންގެ ހިފެހެއްޓުމެއް ނެތް ތައުރީފް ރައްދު ކުރައްވައިފިއެވެ.
މައުމޫންގެ އަމިއްލަ ޓުވިޓާ އެކައުންޓު މެދުވެރިކޮށް މިއަދު ކުރެއްވި ޓުވީޓެއްގައި ނަސްރީނާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން އެކަމަނާ ދެއްކެވި ހިތްވަރާއި، އަބަދުވެސް ދެގޮތެއް ނުވެ ސާބިތުކަމާއެކު އެމަނިކުފާނާ އެކު ދެއްކި ރީތި ނަމޫނާއަށް ތައުރީފް ކުރެއްވިއެވެ.
މައުމޫނަށާއި އާއިލާގެ ހުރިހާ ބޭފުޅުންނަށް ނަސްރީނާ އަރިސް ކުރައްވާ ލޯބި ފާހަގަކޮށް، މައުމޫން ވަނީ އެފަދަ އަނބިކަނބަލަކު ދެއްވީތީ މާތް ރަސްކަލާނގެ އަށް ޝުކުރު އަދާ ކުރައްވާފައެވެ.
Your strength is epic. Your courage is phenomenal. Your spirit is indomitable. Your loyalty is boundless. Your love is beyond this world. Indeed, love is a many splendoured thing. My beloved wife, my dearest friend, I thank Allah for the wonderful blessing that is you! pic.twitter.com/MN2qu56vjo
— Maumoon Abdul Gayoom (@maumoonagayoom) October 6, 2018
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މައުމޫން ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އެމަނިކުފާނުގެ ގެކޮޅުންނެވެ. އަދި އެމަނިކުފާނާ ދެކޮޅަށް ސަރުކާރު ވައްޓާލަން ފަނޑިޔާރުންނަށް ރިޝްވަތު ހުށައެޅި ކަމަށް ބުނެ ޓެރަރިޒަމްގެ ތުހުމަތު ކުރެވުނެވެ.
މައުމޫން ވަނީ ފުލުހުން ހިންގި ތަހުގީގަކީ ގާނޫނާ ޚިލާފު ތަހުގީގެއް ކަމަށް ބުނެ އެފަދަ ތަހުގީގަކަށް އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ސަބަބުން ތަހުގީގަށް އެއްބާރުލުން ނުދިން ކަމަށް ބުނެ ދައުވާ އުފުލައި އެދައުވާ މައުމޫންގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމް ކޮށް، 10 މަސް ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އިއްވިއެވެ.
ނަމަވެސް ވޯޓަށް ފަހު ރައީސް މައުމޫން މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފައެވެ. މައުމޫން ވިދާޅުވީ ފާއިތުވެދިޔަ އަށް މަސް ދުވަހަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ވެސް ކުރިމަތިލާން ޖެހުނު އެންމެ ދަތި ދުވަސްތައް ކަމަށެވެ.