Last Updated: June 10, 00:02
Wednesday, June 10, 2026
ކުޅިވަރު

މޮރީނިއޯއަށް ބޯޑުގެ ތާއީދު އަދިވެސް އެބައޮތް

އިނގިރޭސި މަޝްހޫރު ކުލަބު މެންޗެސްޓާ ޔުނައިޓެޑު މިހާރު ވެއްޓިފައިވާ އަނދަވަޅުން އަރައިގަތުމުގެ ފުރުސަތު ކޯޗު ޖޯސޭ މޮރީނިއޯއަށް ދިނުމަށް ކުލަބުގެ ބޯޑުން ނިންމައިފިއެވެ.

އިނގިރޭސި މީޑިޔާތަކުން ޚަބަރު ފަތުރާ ގޮތުގައި މޮރީނިއޯ މަގާމުން ވަކިނުކުރުމަށް ބޯޑުން ވަނީ ވޯޓެއް ނެގުމަށް ފަހު ނިންމާފައެވެ. މިދިޔަ ހަފްތާ ތެރޭގައި މޮރީނިއޯ ވަކިކުރަން މަސައްކަތް ކުރާ ކަމުގެ ވާހަކަތައް މީޑިޔާގައި ފެތުރު ނަމަވެސް މޮރީނިއޯ ވަނީ އޭނާގެ ވަޒީފާއާ މެދު ހާސްކަމެއް ނެތް ކަމަށް ޕްރެސް ކޮންފަރެންސެއްގައި ބުނެފައެވެ.

އަދި ރެއާލްގެ ކުރީގެ ކޯޗު ޒިނެދީން ޒިދާން ކުލަބަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ވާހަކަވެސް މެންޗެސްޓާ ޔުނައިޓެޑުގެ އިސް މީޑިޔާ އޮފިޝަލުން ވަނީ ދޮގު ކޮށްފައެވެ.

ޔުނައިޓެޑު ވަނީ އެންމެ ފަހަކަށް ކުޅުނު ހަތަރު މެޗުން ތިން މެޗުން އެއްވަރުވެ އެއް މެޗުން ބަލިވެފައެވެ. 1999 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ފަސް މެޗު މޮޅެއް ނުލިބި ޔުނައިޓެޑު ގޮސްފައިވަނީ އެންމެ ފަހަރަކުއެވެ.

މޮރީނިއޯ ވަނީ އޭނާގެ ކުލަބުން ދައްކަމުން އަންނަނީ އެދެވޭ ކުޅުމެއް ނޫން ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވެފައެވެ. އަދި އެކަމުގެ ޒިންމާ އޭނާގެ އިތުރުން ކުޅުންތެރިންވެސް ނަގަން ޖެހޭނެ ކަމަށް އޭނާ ބުނެފައިވެއެވެ.

މިރޭ ރާއްޖެ ގަޑިން 21:30 ގައި މެންޗެސްޓާ ޔުނައިޓެޑު ކުޅޭނީ ހޯމް ދަނޑުގައި ނިއުކާސަލްއާ ދެކޮޅަށެވެ.