Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ވެރިކަން ބަދަލު ކުރުމުގެ ކަންކަން ދަނީ އޮމާންކޮށް، ދެ މުވައްސަސާއަކުން އުނދަގޫވި: ޝާހިދު

ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްދަނީ އޮމާންކޮށް ކަމަށާއި ދެ މުވައްސަސާއަކުން އުނދަގޫތަކާއި ކުރިމަތިވިކަމަށް އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެކުލަވާލައްވާފައިވާ އިންތިގާލީ ކޮމިޓީގެ ސިޔާސީ އިސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން މުހައްމަދު ލަޠީފު އާއި އެކު އިންތިގާލީ ކޮމެޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އަބްދުﷲ ޝާހިދު ވިދާޅުވީ މިހާތަނަށް ނުވަ މިނިސްޓްރީއަކަށާއި، އަށް ސަރުކާރު ހިއްސާވާ ކުންފުންޏާއި އެކު މަސައްކަތް ކުރެވިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުވުމުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދްމަތްތައް ބަރާބަރަށް ފޯރުކޮށްދިނުމަށް ފަންނީ މަޝްވަރާ ކުރެވިފައިވާ އިރު ދެ މުވައްސަސާއަކުން އުނދަގޫ ކުރިމަތިވި ކަމަށެވެ. އަދި މިގޮތަށް ދިމާވީ އެފަރާތްތަކުން އިންތިގާލީ މަރުހަލާއަށް ތަންކޮޅެއް އާވުމުން ކަމަށް ގަބޫލް ކުރެއްވޭކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ވެރިކަން ބަދަލުކުރުމުގެ ކަންކަން ކުރިއަށްދާއިރު އަދިވެސް ބައެއް މުވައްސަސާތަކުން މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި އުސޫލެއް ނެތި މުސާރަ ބޮޑުކުރުމުގެ އިތުރުން ބައެއް ފަރާތްތަކަށް ޕްރޮޖެކްޓު ދިނުމާއި ބިމާއި ފްލެޓު ދޫކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެގޮތަށް އެކަން ނުކުރުމަށް ޝާހިދު ގޮވާލެއްވިއެވެ.