Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ވެރިކަން ކުރަން ރަނގަޅު ފޯމިއުލާއަކީ "ކޯލިޝަން": ޖަމީލް

ޖަމީލް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާސިމް އާއި އެކު، ފޮޓޯ: ރާއްޖެއެމްވީ

ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވަން އަދި ވެރިކަން ދަމަހައްޓަން އެންމެ ރަނގަޅު ފޯމިއުލާއަކީ "ކޯލީޝަން"ކަމަށް ރައީސް ޔާމީންގެ އިންތިހާބީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްްޖެއެވެ.

އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެެގައުމުގައި ތިން އަހަރެއްހާ ދުވަސް ވަންދެން އުޅުއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގައި ވެރިކަމަށް އަންނަން އެންމެ ރަނގަޅު ފޯމިއުލާއަކީ ކޯލިޝަންކަމަށެވެ. ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށްވެސް ވެރިކަމަށް އާދެވުނީ ކޯލިޝަނުންކަމަށެވެ.

އިބޫ އާއި ފައިސަލްއަށް އިޝާރާތްކުރައްވައި ޖަމީލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެކުލަވާލާފައިވާ ކޯލިޝަން ރައީސް ނަޝީދު އާއި މައުމޫން އަދި ގާސިމް އާއި އިމްރާން ގުޅިގެން ދެމެހެއްޓޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ. އަދި ރައްޔިތުންގެ މަޖްލިސް ކާމިޔާބު ކުރުމަށް ކޯލިޝަން މުހިއްމުކަމަށެވެ.

ތިން އަހަރަށް ފަހު ޖަމީލް މިއަދު ރާއްޖެ ވަޑައިގެންނެވިއިރު އެމަނިކުފާންގެ މަންމާފުޅާއި އާއިލާގެ ގިނަ މެމްބަރުންގެ އިތުރުން ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއި ޖޭޕީގެ ކައުންސިލް މެމްބަރުން އެއާޕޯޓުގައި ތިއްބެވިއެވެ. ނަމަވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީގެ އިސް އެއްވެސް ބޭފުޅަކު ބައިވެރިވެ ވަޑައިގެންފައި ނުވެއެވެ.