Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޝައިނީ އާއި މުއިއްޒު، ސަރުކާރު ބަދަލު ކުރުމަށް އެއްބާރުލުން ނުދެއްވި!

ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީގެ ފަރާތުން އެއްްބާރުލުން ނުލިބުނު ކަން ހާމަވެއްޖެއެވެ.

މިނިސްޓަރ ޝައިނީ އާއި މުއިއްޒުގެ ފަރާތުން އިންތިގާލީ ކޮމެޓީއަށް އެއްބާރުލުން ނުލިބުނު އިރު ދެ މުވައްސަސާއަކުން ކޮންމެވެސް ވަރެއްގެ އުނދަގޫ ތަކާއި ކުރިމަތިވިކަމަށް އިންތިގާލީ ކޮމެޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި އެކޮމިޓީގެ ސިޔާސީ ވެރިޔާ މަޖްލިސްގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮން ދެ މުވައްސަސާއެއްކަން ޝާހިދު ވިދާޅެއްް ނުވެއެވެ.

އެމްޑީޕީގެ ޕޮލިސީ ކޮމިޓީގެ ޗެއާޕާސަން ހުސައިން އަމުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިގާލީ ކޮމެޓީން ފިޝަރީޒް މިނިސްޓްރީއަށް ދިއުމުން މިނިސްޓަރ ޝައިނީގެ ފަރާތުން އެއްބާރުލުމެއް ނުދެއްވި ކަމަށެވެ. އަދި ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން ވަޑައިގަތުމަށް ޝައިނީ އެންގެވި ކަމަށާއި މިނިސްޓްރީގެ މައުލޫމާތު ހޯދުމަށް ސިޓީ ފޮނުއްވަން އެންގެވިކަމަށެވެ.

މީގެ އިތުރުން ޝައިނީ އިންތިގާލީ ކޮމެޓީ އާއި އެކު ފޮޓޯ ނަގަން ބޭނުން ނޫންކަމަށް ބުނެފައިވާ ކަމަށެވެ. އަމްރު ވަނީ މި ޓްވީޓު ފަހުން ޑިލީޓުކޮށްފައެވެ.

ދެ މުވައްސަސާއަކުން އެއްްބާރުލުން ނުދިނުމާއި ގުޅޭގޮތުން އަބްދުﷲ ޝާހިދު ވިދާޅުވީ އެއީ އެފަރާތްތަކުން ތަންކޮޅެއް އިންތިގާލީ މަރުހަލާއަށް އާ ކަމުން ދިމާވި މައްސަލައެއް ކަމަށާއި އެއީ މާ ބޮޑު ކަމެއްކަމަށް ދެކި ނުލައްވާކަމަށެވެ.

ސަރުކާރު ބަދަލުވުމުގެ މަސައްކަތަށް އެއްބާރުލުން ނުދިނުމަށް ޕީޕީއެމްއިން ރޭ ވަނީ މަގުމަތީ ގަރާރެއް ފާސްކޮށްފައެވެ.

ޕީޕީއެމްއިން ވަނީ ރައީސް ޔާމީން 69 ޕަސެންޓުން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ވެސް މަގުމަތީ ގަރާރެއް ފާސް ކޮށްފައެވެ.