Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އިންތިގާލީ މަރުހަލާގައި ހިންގާ މުޢާމަލާތް މުރާޖަޢާ ކުރާނަން: މާރިޔާ

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި މާރިޔާ ވާހަކަދައްކަވަނީ - ފޮޓޯ: ޔޫސުފް ސޮފްވާން (ސޮއްޕެ) (ވީނިއުސް)

ސަރުކާރު ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާރުވެސް އެޗްޑީސީ ފަދަ ތަންތަނުން ބިން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި މި މުއްދަތުގައި ހިންގާ މުޢާމަލާތް އަލުން މުރާޖައާ ކުރާނެކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންތިގާލީ މަރުހަލާގެ މައުލޫމާތު ދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވީ ތަކުރާރުކޮށް ކޮންޓްރެކްޓު ދީ، ސޮއިކޮށް، މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ވަޒީފާތަކުން ވަކިކޮށް، ބިންދޫކުރުމާއި ގަނެވިއްކުން ހުއްޓާލުމަށް އެންގި ނަމަވެސް އެކަންކަން ބައެއް މުވައްސަސާތަކުން ހުއްޓާ ނުލައި ކުރިއަށްދާ ކަމުގެ އަޑު އިވޭކަމަށެވެ.

އަދި މިގޮތަށް މިކަން ނުކުރުމަށް އެެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން އަންގަމުންދާ ކަމަށެވެ.

މާރިޔާ ވިދާޅުވީ މިކަންކަން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައި އަލުން މުރާޖައާ ކުރާނެކަމަށެވެ. އަދި މިގޮތަށް ކޮންޓެރެކްޓު ތަކުގައި ސޮއި ކުރާ ފަރާތްތަކުން ވިސްނެވުމަށް މާރިޔާ އެދިވަޑައިގެންނެވިއެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރަ 17 ވަނަ ދުވަހުއެވެ. އިންތިގާލީ ކޮމެޓީން ދަނީ އެދުވަހުން ފެށިގެން ސަރުކާރުން ދެމުންދާ ހިދްމަތް އެއްވެސް ބުރޫއެރުމެއ ނެތި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރައްވަމުންނެވެ.