އެމެރިކާގެ ސިޔާސީ މައިދާނުގައި މިދިޔަ ދެ ހަފްތާ ތެރޭ އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ހުށައެޅި ފަނޑިޔާރު، ބްރެޓް ކަވާނޯ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ވާހަކައެވެ.
ކްރިސްޓީން ބްލޭސީ ފޯޑް ވަނީ އެމީހުން ޒުވާން ދުވަސްވަރު ބްރެޓް ކަވާނޯ އޭނާ ރޭޕް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށްފައެވެ. މިތުހުމަތުތަކަށް އޭނާ ވަނީ ނުސީދާ ގޮތުން އެއްބަސްވެފައެވެ. ކަވަނޯ ބުނެފައިވަނީ އޭނާ އެކަން ކުރީ މަސްތުގެ ހާލަތުގައި ހުރެ ކަމަށާއި އޭނާއަކީ އަބަދުވެސް ރާބޮއެ، މަސްތުވާ މީހެއް ކަމަށެވެ. ނަމަވެސް ރާ ބޮނީ ޕާޓީ ކުރުމާއި ހޭބުއްދި ފިލާދިއުމަށް ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.
ފަނޑިޔާރު ބްރެޓް ކަވަނޯ ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ސެނެޓުގައި ނެގި ވޯޓުން އޭނާ އައްޔަން ކުރުމަށް ފާސްވީ 50 ވޯޓު ލިބިގެންނެވެ. އޭނާއާ ދެކޮޅަށް ސެނެޓުގެ 48 މެމްބަރުން ވަނީ ވޯޓު ދީފައެވެ. މިއީ ފަހުގެ ތާރީޚުގައިވެސް މިފަދަ ކައިރި ވޯޓެއް ނެގުނު ފުރަތަމަ ފަހަރެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހުށައެޅުއްވި ކަވަނޯއާ ދެކޮޅަށް މިފަދަ ތުހުމަތުތަކެއް ކުރެވުމުން ވެސް ޓްރަމްޕް ވަނީ އޭނާ ދިފާއު ކޮށްފައެވެ. އަދި ޓްރަމްޕް ބުނެފައިވަނީ މިފަދަ ތުހުމަތުތަކަކީ އަސާސެއް ތުހުމަތުތަކެއް ކަމުގައި ބުނެފައެވެ. މިފަދަ ކަންކަން ހުށައެޅުމުން، މިކަމުން ރުޅިވެރިވަނީ ވެސް ހަމަ އަންހެނުން ކަމަށް އޭނާ ބުނެފައިވެއެވެ.
"އަހަރެން ދެކޭގޮތުގައި އަންހެނުން، މި މައްސަލާގައި މާ ވަރުގަދައަށް މަސައްކަތް ކުރި. އަހަރެން ދެކޭ ގޮތުގައި ބްރެޓްއާ ދެކޮޅަށް މިމައްސަލަ ހުށައެޅުމުން ބޮޑަށް ރުޅިއައީ ވެސް އަންހެނުން. ވަރަށް ރުޅި އައިސްފައި ތިބީ" ޖިންސީ ފުރައްސާރަ ދިފާއު ކުރަމުން ޓްރަމްޕް ބުނެފައިވެއެވެ.
ސެނެޓުގައި ނެގުނު މިވޯޓުން އެމެރިކާގެ ރައްޔިތުން، ޚާއްސަ ގޮތެއްގައި އަންހެނުން އިންތިހާއަށް ނުރުހުން ވެފައިވާއިރު މިއީ އަންހެނުންނަށް، ފިރިހެނުންގެ ފަރާތުން ލިބޭ މިފަދަ ގޯނާތަކަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.
އަދި ނޮވެމްބަރު ހަވަނަ ދުވަހު ނަގާ ސެނެޓު ވޯޓުގައި ރައްޔިތުން މިކަން ހަނދާނުގައި ބަހައްޓާނެ ކަމަށްވެސް ސޯޝަލް މީޑިޔާގައި އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. ވޯޓު ކާމިޔާބުވެ ބްރެޓް ވަނީ ފަނޑިޔާރު ކަމަށް އައްޔަން ވެފައެވެ.