Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އުރަމަތީގެ ކެންސަރާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ ނިންމާލައިފި

އޭޝިއަން ސޮސައިޓީ އޮފް މެސްތޮލޮޖީ (އަސޯމާ)ގެ ދެވަނަ އަހަރީ މަހާސިންތާގައި އައިޖީއެމްހޮސްޕިޓަަލްގެ ކޮންސަލްޓަންޓް ސަަބް ސްޕެޝަލިސްޓް އޮންކޯ ސާޖަން އަދި ހެޑްއޮފް ސާޖަރީ ޑރ މުހައްމަދު ޝިފާން ވާހަކަފުޅު ދައްކަވަނީ-ފޮޓޯ: ވީނިއުސް

އޭޝިއަން ސޮސައިޓީ އޮފް މެސްތޮލޮޖީ (އަސޯމާ)ގެ ދެވަނަ އަހަރީ މަހާސިންތާ ރާއްޖޭގައި ބާއްްވައިފިއެވެ.

3 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު މިމަހާސިންތާ ބޭއްވިގެން ދިޔައީ މި ހިނގާ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ހޮޓެލްްޖެން ގައެވެ. މިމަހާސިންތާއަކީ އުރަމަތީގެ ކެންސަރުގެ ހާލަތު ދެނެގަތުމާއި ހޭލުންތެރި ކުރުވުމާއި ބައްޔަށް ފަރުވާދިނުމުގެ ކަންކަމާއި ގުޅޭ ގައިޑްލައިނެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ބޭއްވުނު މަހާސިންތާއެކެވެ.

މިމަހާސިންތާގައި 10 ޤައުމަކުން 70އަށް ވުރެގިނަ ފަންނީ މާހިރުން ބައިވެރިވެވަޑައިގެންފައި ވާއިރު އޭގެ ތެރޭގައި، މިދާއިރާގެ ތަޖުރިބާކާރު ފުންނާބު އުސް ބޭބޭފުޅުން ހިމެނެއެވެ. އޭގެ ތެރޭގައި އެއިމްސް ދިއްލީގެ ޕްރޮފެސަރުންނާއި ސިންގަޕޫރު އިންޑޮނީޝިއާ ފިލިޕީންސް އަދި ސްރީލަންކާގެ ޕްރޮފެސަރުން ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން އެމެރިކާގެ މަޔޯ ކުލިނިކްގެ ކެންސަރާއި ބެހޭ ހާއްސަ ޔުނިޓުގެ ޕްރޮފެސަރުންނާއި އިނގިރޭސި ވިލާތުގެ އުރަމަތީގެ ބަލިތަކާއި ބެހޭ ޖަމިއްޔާގެ ސެކްރެޓަރީ ޑރ ލީނާ ޗާދުވާއީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭޝިއަން ސޮސައިޓީ އޮފް މެސްތޮލޮޖީ (އަސޯމާ)އަކީ ޚާއްސަގޮތެއްގައި އުރަމަތީގެ ބަލިތަކާއި ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތް ކުރާ ސަރަހައްދީ ޖަމިއްޔާއެކެވެ. މިޖަމިއްޔާގެ ދެވަނަ އަހަރީ މަހާސިންތާ ރާއްޖޭގައި ބާއްވާފައި ވަނީ، އެސްޓީއޯ އާއި ޑރ ރެޑީޒްގެ އެހީތެރިކަމާއި އެކު ރާއްޖޭގެ ޑޮކްޓަރުންގެ ޖަމިއްޔާ އާއި ގުޅިގެންނެވެ.

މިމަހާސިންތާ އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އައިޖީއެމްހޮސްޕިޓަަލްގެ ކޮންސަލްޓަންޓް ސަަބް ސްޕެޝަލިސްޓް އޮންކޯ ސާޖަން އަދި ހެޑްއޮފް ސާޖަރީ ޑރ މުހައްމަދު ޝިފާން ވިދާޅުވީ، މި މަހާސިންތާގައި އުރަމަތީގެ ކެންސަރަށް ފަރުވާކުރުމުގައި އޭޝިއާ ސަރަހައްދުގައި އަމަލު ކުރާނޭ ގޮތުގެ ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތްތައް ކުރެވިގެން ދިޔަކަމަށެވެ. އަދި އެގައިޑްލައިން އެކުލަވާލުމުގެ ދިރާސާތަކުގައި މިބައްޔާއި ގުޅޭ ގޮތުން ރާއްޖޭގެ ހާލަތާއި ގުޅޭ ޑާޓާތައްވެސް ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މިހާތަނަށް އަމަލު ކުރެވެމުން އަންނަަނީ އިނގިރޭސި ވިލާތާއި އެމެރިކާގެ ގައިޑްލައިންތަކަށް ކަމަށް ވާއިރު، އޭޝިއާ ސަރަހައްދުގެ ހާލަތާއި ގުޅޭ ގޮތުން ފަރުވާކުރުމުގެ ގައިޑްލައިނެއް މުހިއްމު ކަމުގައި ޑރ ޝިފާން ވިދާޅުވިއެވެ.

އައިޖީއެމްހޮސްޕިޓަަލްގެ ކޮންސަލްޓަންޓް ސަަބް ސްޕެޝަލިސްޓް އޮންކޯ ސާޖަން އަދި ހެޑްއޮފް ސާޖަރީ ޑރ މުހައްމަދު ޝިފާނަކީ ރާއްޖޭގައި މިވަގުތު ހުރި ކެންސަރާއި ބެހޭ ބަލިތަކަށް ޚާއްސަ ހަމައެކަނި ދިވެހި ޑޮކްޓަރެވެ.

ރާއްޖޭގައި ކެންސަރާއި ބެހޭ ބަލިތަކުގެ ޑާޓާތައް އެއްކުރެވެން ފެށީ ވަރަށް ފަހުން ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެންމެ އާއްމު ކެންސަރަކީ ވެސް އުރަމަތީގެ ކެންސަރު ކަމަށާއި އެއަށްފަހު ތައިރޮއިޑް ކެންސަރާއި ސައިވައިކަލް ކެންސަރަކީ ވެސް ރާއްޖެއިން އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތައް ކަމުގައި ޑރ ޝިފާން ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާއި ބަލާއިރު ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގައި ވަރަށް ޒުވާން އުމުރުގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުން ގިނަކަން ފާހަގަކުރެވޭ ކަމަށް ޑރ. ޝިފާން ވަނީ ފާހަގަ ކުރައްވާފައެވެ.

އޭޝިއަން ސޮސައިޓީ އޮފް މެސްތޮލޮޖީ (އަސޯމާ)ގެ ދެވަނަ އަހަރީ، މި މަހާސިންތާގައި ވަނީ، އުރަމަތީގެ ބަލިތަކަށް ފަރުވާކުރުމުގައި ބައިވެވަޑައިގެންނެވި މުޅި ދުނިޔެއަށް މަޝްހޫރު ދެ ޕްރޮފެސަރުން ކަމުގައިވާ، އެމެރިކާގެ ޕްރޮފެސަރު އިސްމާއީލް ޖަތޯއި އާއި ސްރީލަންކާގެ ޑޮކްޓަރެއްކަމުގައިވާ ކަނިޝްކާ ޑިސިލްވާއަށް ލައިފްޓައިމް އެޗީވްމެންޓް އެވޯޑު ދީފައެވެ.