Last Updated: April 19, 22:14
Friday, April 19, 2024
މުނިފޫހިފިލުވުން

ދީޕިކާ ފެނިގެންދާނީ އެސިޑް ހަމަލާއިން ސަލާމަތްވި އަންހެނެއްގެ ރޯލުން

މަޝްހޫރު ފިލްމު ޑިރެކްޓަރ މޭގްނާ ގުލްޒާރް، އެސިޑް ހަމަލާއެއްގެ ޝިކާރަ އަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތަށް އުފައްދަން ނިންމާފައިވާ ފިލްމު ދީޕިކާ ޕަޑުކޯން ކުޅުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.

މި ފިލްމުގެ ބަތަލާގެ އިތުރުން ދީޕިކާ ވަނީ ކޯ-ޕްރޮޑިއުސަރެއްގެ މަގާމުގައި ވެސް ހަރަކާތްތެރިވުމަށް ނިންމާފައެވެ.

ދީޕިކާގެ ފިލްމް "ޕަދްމާވަތު" އަށްފަހު އެ ފިލްމަށް ތައްޔާރުވާކަން އޭނާވަނީ ކަށަވަރު ކޮށްދީފައެވެ. އެ ވާހަކަ އަޑު އިވުމުން އޭނާއަށް ވަރަށް އަސަރުކުރި ކަމަށް ދީޕިކާ ބުންޏެވެ. އެއީ ހަމަ އެކަނި ހާދިސާއެއް ނޫން ކަމަށާއި އެ ވާހަކައިގައި ހިތްވަރާއި އުއްމީދު އަދި ކާމިޔާބު އެކުލެވިގެންވާ ކަމަށް އޭނާ ބުންޏެވެ. ދީޕިކާ އެ ފިލްމް ޕްރޮޑިއުސް ކުރަން ޝައުޤުވެރިވީ އެ ސަބަބާހެދި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ލަކްޝްމީ އަގަރްވާލް

ލަކްޝްމީއަށް އެސިޑް ހަމަލާދީފައިވަނީ އޭނާގެ ކައިވެންޏަށް އެދުނު ފަރާތަކަށް ނޫނެކޭ ބުނުމުން 2005 ވަނަ އަހަރުއެވެ. ލަކްޝްމީ އަށްވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްސް އިންޓަނޭޝަނަލްގެ ފަރާތުން 2014 ވަނަ އަހަރު "ވުމަން އޮފް ކަރޭޖް" އެވޯޑް ލިބިފައެވެ.

ލަކްޝްމީ ވަނީ ޓީވީ ޝޯވ ތަކެއް ހުށަހަޅާފައެވެ. އަދި 2016 ވަނަ އަހަރުގެ ލަންޑަން ފެޝަން ވީކްގައި އޭނާ ވަނީ މޮޑެލުންނާއެކު ރޭމްޕްގައި ހަރަކާތްތެރިވެފައެވެ.

މި ފިލްމުގައި ދިޕިކާގެ ފެނިލުން ވަރަށް ގިނަ ބަޔަކު ބަލައިގަންނާނެ ކަމަށް ބެލެވެއެވެ.