އަދުލު އިންސާފު ޤާއިމުކުރަން ހުރަސް އެޅުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ޙުކުމްގެ ރިޕޯޓް ނުލިބިގެން އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ނުފެށި އޮއްވާ، އެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފި އެވެ.
ރައީސް މައުމޫންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ފުލުހުންގެ ތަހުޤީޤަށް ފޯނު ނުދިން މައްސަލައިގައެވެ.
މައުމޫންގެ ވަކީލުންގެ ޓީމާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް މިހާރު ވަނީ ކަފާލާތުގެ ދަށުން ހައި ކޯޓުގެ އަމުރަކުން މިނިވަންކޮށްފަ އެވެ. މައުމޫން ދޫކޮށްލާފައިވަނީ 60،000 ރުފިޔާ ބެހެއްޓުމަށް ފަހުއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.