ސ. ފޭދޫ މީހަކު މިއަދު ފެޅި ކާއްޓެއްގެ ތެރެއިން ކުޑަ ހަތިމެއް ފެނިއްޖެއެވެ.
ފޭދޫގައި ސެލޫނެއް ހިންގަމުން އަންނަ ޒާހިރާ މިއަދު "އައްޑޫލައިވް"އަށް ބުނީ އޭނާ މިއަދު މަރަދޫފޭދޫ ދިރާގު ކުރިމަތީގައި ހުންނަ ގާޑިޔަލުން ގަތް ހަތަރު ކާށީގެ ތެރެއިން އެއް ކާށި ފެޅި އިރު އޭގެ ތެރެއިން ކުޑަ ހަތިމެއް އޮތް ކަމަށެވެ. އަދި އޭނާ ވަނީ އެ ހަތިމު މީހުންނަށް ދައްކާފައެވެ.

ޒާހިރާ ބުނީ އޭނާ ކާށި ފެޅި އިރު އޭގެ ތެރޭގައި ކޮންމެވެސް ވަރަކަށް ފެން ހުރިކަމަށެވެ. އޭނާ ވަނީ އެ ހަތިމާއި ކާށި ހިފައިގެން ފޭދޫ އޮފީހަށް ގޮސްފައެވެ.

މި ވާހަކަތައް ބައެއް ފަރާތްތަކުން ވަނީ ދޮގުކޮށްފައެވެ. ފޭދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ ރަބަރު ހަންގަޑެއް ހުރި އެ ހަތިމަކީ ކާށީގެ ތެރެއަށް އެޅި އެއްޗެކެވެ. އަދި އެކަމެއް ކޮށްގެން އުޅެނީ މަޝްހޫރުކަން ހޯދުމަށް ކަމަށެވެ.
މިކަމާއި ގުޅިގެން ބައެއް ޝެއިހުން ބުނީ އެއްޗެއް ބުނަން އެނގޭނީ އެ ހަތިމް ބަލައި އެކަން ސާފުކޮށްގެން ކަމަށެވެ.
މި ހަތިމުގެ ވީޑިއޯވެސް ބައެއް މީހުން މިހާރުވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މިކަމާއި ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީންވެސް އަދި ކަމާއި ބެހޭ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައި ނުވެއެވެ.