ރިޕޯޓް

ސީބީއެމް އިން ބްރާންޗްލެސް ބޭންކިންގެ ހިދްމަތް އައްޑޫއަށް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އިން 'ބްރާންޗްލެސް ބޭންކިންގ' ގެ ޚިދުމަތް އައްޑޫގައި ތަޢާރަފްކޮށްފި އެވެ.

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ގުޅިގެން ސީބީއެމް އިން ފަށާފައިވާ މި ޚިދުމަތުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް ޕޯސްޓްގެ އައުޓްލެޓްތަކުން ގިނަ އަދަދެއްގެ ބޭންކިންގ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

އެގޮތުން އެކައުންޓް ހުޅުވުމާއި، އޭޓީއެމް ކާޑު ހެއްދުމުގެ އިތުރުން އޮންލައިން ބޭންކިންގެ ޚިދުމަތަށް ވެސް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

ސީބީއެމްގައި ދިވެހި ރުފިޔާއިންނާއި ޑޮލަރުން ވެސް އެކައުންޓް ހުޅުވޭނެ އެވެ. ދިވެހި ރުފިޔާ އިން ސޭވިންގްސް އެކައުންޓެއް ހުޅުވޭނީ މަދުވެގެން 500 ރުފިޔާ ދައްކައިގެން ކަމަށްވާއިރު، ޑޮލަރު އެކައުންޓެއް ހުޅުވުމަށް މަދުވެގެން 50 ޑޮލަރު ޑިޕޮސިޓް ކުރަން ޖެހޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 10،000 ރުފިޔާ އަދި 1،000 ޑޮލަރާއި ދެމެދުގެ މުޢާމަލާތްތައް ސީބީއެމް ސޭވިންގްސް އެކައުންޓް މެދުވެރިކޮށް ކުރެވޭނެ އެވެ.

ބްރާންޗްލެސް ބޭންކިންގ ގެ ދަށުން މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އޭޓީއެމް ކާޑަށް އެދި ހުށަހެޅޭއިރު، ކާޑު ތައްޔާރުވުމުން އެ ތަނުން ކާޑު ލިބޭގޮތް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި ސީބީއެމްގެ ކާޑުތައް ބޭނުންކޮށްގެން މޯލްޑިވްސް ޕޯސްޓްގެ ބްރާންޗުތަކުގައި ޤާއިމްކޮށްފައިވާ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް ވެސް ލިބޭނެ އެވެ.

މީގެ އިތުރުން އޮންލައިން ބޭންކިންގ އަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް އެ ޚިދުމަތް ލިބޭނެއެވެ. އަދި އީ-ޕާސްބުކް އިތުރު އެއްވެސް ފީ އަކާއި ނުލައި މުޅިން ހިލޭ އެކްޓިވޭޓް ކުރެވޭނެ އެވެ.

ސީބީއެމް އިން ބްރާންޗްލެސް ބޭންކިންގގެ ޚިދުމަތް ފޯރުކޮށްދެނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ އިތުރުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.