Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އީވާންގެ ހާލު ސީރިއަސް، ފަރުވާއަށް މާލެއަށް!

ރޭގެ މާރާމާރީގައި ޒަހަމްވެ ފަރުވާ ދެމުން އަންނަ އީވާން.

ރޭ މަރަދޫގައި ހިންގި މާރާމާރީގައި ޒަހަމްކޮށްލި އުމުރުން 22 އަހަރުގެ މުހައްމަދު އީވާންގެ ހާލު ސީރިއަސްވެ އިތުރު ފަރުވާއަށް މާލެ ގެންގޮސްފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދިޔަ އީވާން އިތުރު ފަރުވާއަށް މާލެ ގެންގޮސްފައިވަނީ މިއަދު ހަވީރުއެވެ.

އީވާން މާލެ ގެންދިއުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އިރުޝާދު ދިން ނަމަވެސް މާލެ ގެންދިއުން ލަސްވީ މޯލްޑިވިއަންއިން ޖާގަ ހަމަނުޖެހުމުގެ ސަބަބުންނެވެ. އިވާންއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އީވާންގެ ފުއްޕާމެއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ.

އީވާންއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ އިރު އަދިވެސް އޭނާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބެއެވެ.

ފޭދޫ ގްރޫޕަކާއި މަރަދޫ ގްރޫޕެއް ދެމެދުގައި ހިންގި މި މާރާމާރީގައި އިތުރު ޒުވާނަކުވެސް ޒަހަމްކޮށްލާފައިވެއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުން މިއަދު ވަނީ 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައެވެ.