Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އޭސީސީގެ އެންގުމަށް ބެލުމެއް ނެތް، ގޯތި ފޯމު ދޫކުރުން ކުރިއަށް!

ކަރަޕްޝަނަށް މަގު ފަހިވާ ކަންތަކެއް ހުރެގެން އެކަން ބަލައި ނިމެންދެން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުން ދޫކުރަން ނިންމި 400 ގޯތި ދޫނުކުރަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)އިން މިއަދު ހައުސިން މިނިސްޓްރީއަށް އެންގި އެންގުމަށް ބެލުމެއް ނެތި ފޯމު ދޫކުރުން ކުރިއަށް އެބަ ގެންދެއެވެ.

1000 އަކަ ފޫޓުގެ 400 ގޯތި އަކަފޫޓެއް 400 ރުފިޔާގެ އަގަށް ވިއްކަން ހައުސިން މިނިސްޓްރީން މިއަދު އިއްލާން ކުރުމާއި އެކު ފޯމު ނަގަން ގިނަ ބަޔަކު ހައުސިން މިނިސްޓްރީ ކައިރީ ކިއު ހަދާލިއެވެ. ހައުސިންއިން އެމީހުންނަށް ފޯމު ދޫކުރަމުން އަންނައިރު އެކަން އެގޮތަށް ނުކުރުމަށް އޭސީސީން ވަނީ އަންގާފައެވެ.

އޭސީސީގެ ނައިބް ރައީސް މުއައްވިޒު ރަޝީދު ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ ގޯތި ދިނުމުގައި ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންކަން ހުރިކަމަށާއި ކަރަޕްޝަނަށް މަގު ފަހިވާ ކަންތަކެއް ހުރެގެން އެކަން ބަލައި ނިމެންދެން ގޯތި ދޫކުރުން މަޑު ޖައްސާލުމަށެވެ.

ހައުސިންއިން މިގޮތަށް ގޯތި ދޫކުރަން އިއްލާން ކުރި އިރު ސެޕްޓެމްބަރ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތުން ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތުގެ ދަށުން ހައުސިން މިނިސްޓްރީން ވަނީ އިންތުގާލީ ކޮމެޓީއަށް އެެއްބާރުލުން ނުދީފައެވެ.