Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އިންތިހާބުގެ ދާއިމީ ނަތީޖާ އީސީގެ ވެބްސައިޓުގައި ޝާއިއުކޮށްފި

ރިޔާސީ އިންތިހާބްގެ ދާއިމީ ނަތީޖާ އިލެކްޝަން ކަމިޝަން (އީސީ)ގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފިއެވެ.

އީސީގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފައިވަނީ 23 ސެޕްޓެމްބަރ 2018 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފޮށިތަކުގެ ތަފްސީލީ ނަތީޖާއެވެ.

އެނަތީޖާއިން ދައްކާ ގޮތުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގެންފައިވަނީ 96،052 ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ 41.6 އިން ސައްތައެވެ.

އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުއަށް 134،705 ވޯޓު ލިބިވަޑައިގެންނެވިއިރު އެއީ ވޯޓުލީ މީހުންގެ 58.4 އިން ސައްތައެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ސައްހަ ވޯޓުގެ އަދަދަކީ 230757އެވެ. ބާޠިލް ވޯޓުގެ އަދަދަކީ 3132އެވެ. ޖުމްލަ ވޯޓުގެ އަދަދަކީ 233889އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ އަދަދަކީ 262135އެވެ.

މި ނަތީޖާއިން އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރައްވާފައިވަނީ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.