ރައްޔިތުންނަށް ހިދްމަތް ކުރަން ސިޔާސީ ދާއިރާއިން ފުރުސަތެއް ލިބިއްޖެ ނަމަ އެފުރުސަތު ދޫކޮށް ނުލައްވާނެކަމަށް ގާސިމް އިބްރާހިމްގެ އަނބިކަބަލުން އަދި ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރ އައިޝަތު ނަހުލާ (އައިޝާ) ވިދާޅުވެއްޖެއެވެ.
ވީޓީވީ "ފަސް މަންޒަރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އައިޝާ ވިދާޅުވީ ރައްޔިތުންނަށް ހިދްމަތް ކުރަން ބޭނުންވަނީ ކޮންމެހެން މަގާމެއް ނުވަތަ ވަޒީފާއެެއް ނޫންކަމަށެވެ.
"…މަގާމެއް ނޫނީ ޕާޓީއަކުން ލިބޭ ވަޒީފާއެއް ނޫން މުހިންމު ކަމަކީ. ރައްޔިތަކަށް ޚިދުމަތް ކުރެވޭ ކޮންމެ ހާލަތެއް އަތުވެއްޖެނަމަ، އެކަމަކާ ގުޅުންހުރި ކޮންމެ ކަމެއްގަ ޚިދުމަތްކުރެވޭ ތަނަކަށް، އަޅުގަނޑުގެ ގާބިލްކަން ހުރި މިންވަރަކުން ޚިދުމަތްކުރަން ފުރުސަތު ލިބިއްޖެނަމަ، ފުރުސަތު ދެއްވައިފިނަމަ އެކަމަށް މަރްހަބާ ކިޔާނަން"
އައިޝާ ވިދާޅުވީ އޭނާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕެއިނަށް ނިކުތީ ފިރިކަލުން ގާސިމް އިބްރާހިމް އާއި ގާސިމްގެ ދަރިކަލުން ސިޔާދު ގާސިމް ހައްޔަރު ކުރުމާއި ގުޅިގެން އެމީހުންގެ ހައްގު ހޯދުމަށް މަޖްބޫރު ވެގެން ކަމަށެވެ. އަދި އެގޮތަށް ނިކުމެ ރަށްތަކަށް ދަތުރުކޮށް ރައްޔިތުންނާއި ބައްދަލު ކުރުމުން ފެނުނީ މުޅިން އެހެން މަންޒަރެއް ކަމަށެވެ.
އަތޮޅުތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ބައްދަލުކުރުމުން ފެނުނީ ނިކަމެތި ހާލުތަކުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންތައް ކަމަށެވެ. އަދި އެރައްޔިތުންނަށް ފަރުދީގޮތުން ކޮށްދެވޭނީ ކޮންކަމެއްތޯ އަމިއްލައަށް ވިސްނެން ފެށިކަމަށެވެ.
ގާސިމް އާއި ސިޔާދު ހައްޔަރު ކުރުމާއި ގުޅިގެން ގެއިން ނިކުންނެވި އައިޝާ ބައެއް އެއްވުން ތަކުގައިވެސް ވިދާޅުވެފައިވަނީ އެއާއިލާއަށް ދިމާވި ފަދަ ހިތްދަތި ކަމެއް ދިވެހި އެހެން އާއިލާަކަށް ނޭދޭ ކަމަށެވެ.
ޖުމްހުރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި މިހާރު ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެން ހުންނެވި އައިޝާ ވިދާޅުވީ އެއްވެސް އިރެއްގައި ސިޔާސީ ދާއިރާއަށް ނުނިކުތުމަށް ގާސިމް އަންގަވާފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ގާސިމް އަބަދުވެސް ހުންނެވީ ބޭނުން ދާއިރާއަކުން ކުރިއަށް ދިއުމަށް ސަޕޯޓަރެއްގެ ގޮތުގައި ކަމަށެވެ.
ގާސިމް ކަފާލާތުގެ ދަށުން މިނިވަންވި ދުވަހު އައިޝާ ވަނީ ސިޔާސީ ދާއިރާއަށް ނިކުތުމުން ފުރަތަމަ އުނދަގޫ ތަކާއިު ކުރިމަތިވި ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު އެކަންކަމުން ހިތްވަރުލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.