Last Updated: April 20, 07:18
Saturday, April 20, 2024
ޚަބަރު

އޭޑީކޭގެ ފްރީ މެޑިކަލް ކޭމްޕެއް އައްޑޫ ސިޓީގައި ބާއްވަނީ

ފޮޓޯ: އޭޑީކޭ ޓްވިޓާ

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލް ކަމަށްވާ އޭޑީކޭގެ ފްރީ މެޑިކަލް ކޭމްޕެއް އައްޑޫގައި ބާއްވަން ނިންމައިފި އެވެ.

މި ކޭމްޕް ކުރިއަށް ދާނީ މި މަހުގެ 13 އާއި 14 ގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގަ އެވެ. މެޑިކަލް ކޭމްޕްގައި އޭޑީކޭގެ ތަޖުރިބާކާރު ތިން ޑޮކްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މެޑިކަލް ކޭމްޕުން ފަރުވާ ހޯދަން ބޭނުންވާ މީހުންނަށް މިއަދުން ފެށިގެން އެޗްއާރްއެޗަށް ގުޅައިގެން ނަން ނޯޓް ކުރެވޭނެއެވެ.

ހިލޭ ޓެސްޓްތައް ހެދޭ ގޮތަށް ކުރި އަށް ގެންދާ މެޑިކަލް ކޭމްޕްގެ ތެރޭގައި މެޔާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދޭނެ ކަމަށް އޭޑީކޭއިން ބުނެއެވެ.

މިއީ އައްޑޫގައި މެޑިކަލް ކޭމްޕެއް އޭޑީކޭ އިން ބާއްވާ ފުރަތަމަ ފަހަރެވެ. ކުރިމަގުގައި އިތުރު އެހެން ބަލިތަކަށް ހާއްސަކޮށްގެން ވެސް މެޑިކަލް ކޭމްޕްތައް ބާއްވާނެ ކަމަށް އޭޑީކޭ އިން ބުނެއެވެ. އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް މުސްތަގުބަލުގައި މިފަދަ ކޭމްޕްތައް ބާއްވަން އޭޑީކޭ އިން މަސައްކަތް ކުރާނެ ކަމަށާއި މީގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތައް ފުޅާ ވެސް ވަމުން އަންނާތީއާ އެކު، އެކިއެކި ބަލިތަކަށް މިހާރު ރަނގަޅަށް ފަރުވާ ކުރެވެން ހުރިކަން ރައްޔިތުންނަށް އަންގައި ދިނުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.