Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އިބޫގެ އެންގެވުމާއި ހިލާފަށް ސްޓެލްކޯއިން 26 ވަޒީފާ އުފައްދަނީ

ރިޔާސީ އިންތިހާބަށް ފަހު ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް ސްޓެލްކޯއިން 26 ވަޒީފާ އުފައްދައި އެކަން އިއްލާންކޮށްފިއެވެ.

ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ސޮއި ކުރައްވައި މި އޮކްޓޫބަރ މަހުގެ 4 ވަނަ ނެރުނު ސާކިއުލާގައި ބުނެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް އިތުރު ކުރާ މަގާމުތަކެއް ކަމަށެވެ.

އެގޮތުން ކުންފިން އުފައްދާފައިވާ ވަޒީފާ ތަކަކީ، ޗީފް ފައިނޭންޝަލް އޮފިސަރ، ކޮމްޕެނީ ސެކްރެޓަރީ، ޖެނެރަލް މެނޭޖަރ، ޗީފް އިންޓަރނަލް އޮޑިޓަރ، ކޮލިޓީ އެޝުއަރެންސް އެންޑް ސޭފްޓީ މެނޭޖްމަންޓް އޮފިސަރ، ޗީފް އެކައުންޓެންޓް، ސީނިއަރ ސާރވިސް މެނޭޖަރ، ސާރވިސް މެނޭޖަރ، ޑެޕިއުޓީ ސަރވިސް މެނޭޖަރ، އެސިސްޓެންޓް ސަރވިސް މެނޭޖަރ، އެޑްމިނިސްޓްރޭޓިވް އޮފިސަރ، އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓުގެ މަގާމެވެ.

މީގެ އިތުރުންވެސް ޓެކްނިކަލް 14 ވަޒީފާއެއް އުފެއްދިކަން ސާކިއުލާގައިވެއެވެ. އެ ވަޒީފާ ތަކަކީ ޗީފް ސްޕްރިންޓެންޑެންޓް އިންޖިނިއަރ، ޗީފް ޓެކްނިކަލް އޮފިސަރ، ޓެކްނިކަލް ސްޕްރިންޓެންޑެންޓް، ސްޕްރިންޓެންޑެންޓް އިންޖިނިއަރ، ޗީފް އިލެކްޓްރިކަލް/މެކޭނިކަލް އިންޖިނިއަރ، ސީނިއަރ ސަރވިސް އިންޖިނިއަރ، ސަރވިސް އިންޖިނިއަރ، އެސިސްޓެންޓް ސަރވިސް އިންޖިނިއަރ، ސީނިއަރ ސާރވިސް ސްޕަވައިޒަރ، ސަރވިސް ސްޕަވައިޒަރ، ސީނިއަރ ސަޕޯޓް އެސިސްޓެންޓް، ޖޫނިއަރ ސަޕޯޓް އެސިސްޓެންޓް، ސީނިއަރ ސްޓޭޝަން ސްޕަވައިޒަރ، ސީނިއަރ އިންޖީން އޮޕަރޭޓަރުގެ މަގާމެވެ.

ސްޓެލްކޯއިން އާ ވަޒީފާތައް އުފެއްދި އިރު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އާ ސަރުކާރު އަންނަންދެން ވަޒީފާގެ ޕްރޮމޯޝަން ދިނުމާއި، ވަޒީފާއިން މީހުން ކެނޑުމުގެ އިތުރުން އާ ވަޒީފާތައް އުފައްދައި ވަޒީފާ ނުދިނުމަށް އަންގަވާފައެވެ.

ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ ބެއްލެވުމުގެ ދަށުން ކުރިއަށްދާއިރު ދައުލަތުގެ ބައެއް ވުޒާރާތަކުން އެެއްބާރުލުން ނުލިބޭކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.