ހއ. ހޯރަފުށީގެ ގެއަކުން ލައްކައަކަށް ވުރެ ގިނަ ފައިސާ ވަގަށް ނެގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޮކްޓޯބަރު 4 ވަނަ ދުވަހުގެރޭ ހޯރަފުށީ ގެއެއްގެ އަލަމާރީގައި ހުރި -/111000ރ (އެއްލައްކަ އެގާރަހާސް ރުފިޔާ) ވަގަށް ނަގާފައިވާކަމަށް ބުނެ ފުލުހުންނަށް ހުށަހެޅުމު މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ގެއްލުނު ފައިސާގެ ތެރެއިން -/63500ރ (ފަސްދޮޅަސްތިންހާސް ފައްސަތޭކަ ރުފިޔާ) ހޯދާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނަކާއި 35 އަހަރުގެ ފިރިހެނެކެވެ. މިމީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 6 ވަނަ ދުވަހު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އަދި 35 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޯޓު އަމުރެއްގެ ދަށުން މިއަދުއެވެ.
މިފަައިސާތައް ހޯދާފައިވަނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 34 އަހަރުގެ މީހާ ދިރިއުޅެމުންދާ ގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބަލައިފާސްކޮށް، އެގޭ ބަދިގެތެރޭގައި ވަޅުލާފައި އޮތް ކޮތަޅެއްގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިންނެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ މީހާއާއި 28 އަހަރުގެ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.