Last Updated: April 19, 11:14
Friday, April 19, 2024
ރިޕޯޓް

މާއްދާ 27 ވެސް އެންމެ ފަހުން ހަނދާންވެއްޖެ!

ގާނޫނު އަސާސީ އިން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައި އޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް، މިސަރުކާރުން ރައްޔިތުންގެ މަޖިލިސް ތެރެއިން ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ ހިތި ރަހަށް އެބޭފުޅުންނަށް ކަރުތެރޭގައި ލާން ފަށައިފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުން ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިވުމުން އެޕާޓީން ވަނީ އިންތިޚާބަށް ހަފްތާއެއް ވި ފަހުން ކޮންމެ ރެއަކުވެސް މުޒާހަރާ ކުރަމުންނެވެ.

މުޒާހަރާގައި ވޯޓު އޮޅުވާލި ކަމަށް ތުހުމަތުކޮށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެކޮމިޝަނުގެ މެމްބަރުން ވޯޓުން ވައްކަން ކުރި ކަމަށް ތުހުމަތުކުރެއެވެ. ރޭވެސް ބޭއްވުނު މިފަދަ މުޒާހަރާއެއްގެ ތެރެއިން ރައީސް އޮފީހުގެ ތަރުޖަމާނު ވަނީ އީސީ ޝަރީފް އަދި އަކްރަމަކީ ވަގުން ކަމަށް ބުނެފައެވެ.

އަދި އެބޭފުޅުންނަށް ވަގަށް ގޮވުމަށް ފަހު މުއާޒް ވަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ކޮންމެ ރައްޔިތަކަށް ލިބިގެންފައިވާ ހައްގެއް ކަމަށް ވެސް ވިދާޅުވެފައެވެ.

މުޒާހަރާ ކުރާނެ ކަމަށާއި އަޑު އުފުލާނެކަމަށް ޕީޕީއެމްއިން މިހާރު ދަނީ ބުނަމުންނެވެ. އަދި މިކަމަކީ އެއްވެސް މީހަކަށް ހުއްޓުވޭނެކަމެއް ނޫންކަމަށް ވިދާޅުވެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ވާހަކަ ދައްކައެވެ.

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ނަމުގައި ދިވެހި ކޮންމެ ރައްޔިތަކަށް ލިބިފައިއޮތް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތް އިރު މިފަދަ ދުވަހެއް އަތުވެދާނެ ކަމަށް ހީކުރެވިފައި ނެތީ ކަމަށް ބުނެ ރައްޔިތުން އަންނަނީ މިއަދު މުއާޒު އެފަދަ ވާހަކަ ދެއްކުމުން އޭނާއަށް ފާޑުވިދާޅުވަމުންނެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ގެނައި އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު މިއަދު ޕީޕީއެމްއިން އަމިއްލައަށް ވަނީ ބޭނުން ނެތް އެއްޗަކަށް ހަދާފައެވެ. ހިތު ހުރި އެއްޗެއް ހިތުހުރި މީހަކަށް ގޮވަނީއެވެ. އެމަންޒަރު ޓީވީ ތަކުން ދައްކަނީއެވެ. ފިޔަވަޅެއްް ނާޅައެވެ. ނަމަވެސް އެއީވެސް އިންސާފެއް ނޫނެވެ. ގާނޫނު އޮވެ ގާނޫނާއި ހިލާފުވާ ފަރާްތްތަކަށް އަދަބު ދެވެން ޖެހެއެވެ.

މީހުންގެ އަބުރަށް އަރައިގަނެ، އަބުރު ކަތިލާނަމަ އެ ޗެނެލެއް ޖުރިމަނާ ކުރެވެން ޖެހެއެވެ. މީގެ ކުރިން ރާއްޖެޓީވީ މިލިއަނުން މިލިއަނުން ވަނީ ޖުރިމަނާ ކޮށްފައެވެ. އިންސާފެއް ނެތި އެގޮތަށް ޖުރިމަނާ ކުރިއިރު މިއަދު ޗެނަލް 13އިން މީހުންގެ އަބުރަށް އަރައިގަންނައިރު އަދިވެސް ބްރޯޑުކާސްޓިން ކަމިޝަން އޮތީ ނިދާފައެވެ.