Last Updated: June 10, 00:02
Tuesday, June 9, 2026
ދުނިޔެ

ކެމެރޫންގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާންކުރުން މަޑުޖައްސާލަން އަންގައިފި

ކެމެރޫންގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިއުލާން ކުރުން މަޑުޖައްސާލުމަށް ސަރުކާރުން އަންގައިފިއެވެ.

އާދީއްތަ ދުވަހު ނެގި ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ނުކުރުމަށް ސަރުކާރުން އަންގާފައިވާއިރު އިދިކޮޅު ކެންޑިޑޭޓު، މޯރީސް ކެމްޓޯ ވަނީ މި އިންތިޚާބު ކާމިޔާބު ވެފައިވާކަން އިއުލާންކޮށްފައެވެ.

އޭނާ ބުނެފައިވަނީ ރައްޔިތުން ބަސް އިއްވައިފި ކަމަށާއި އެކަން ދިފާއު ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް ނަތީޖާ އިއުލާންކޮށްފައިނުވާ އިރު ކެމެރޫންގެ ވެރިކަން ކުރާ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް ވަނީ ނަތީޖާ އިއުލާން ކޮށްފައިނުވަނީސް މޮޅުވެއްޖެ ކަން އިއުލާން ނުކުރެވޭނެ ކަމަށާއި އޭނާ ކޮށްފައިވަނީ ކުށެއް ކަމަށް ބުނެފައެވެ.

ކެމްޓޯ ވަނީ ކެމެރޫންގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ ޕީޕަލްސް ޑިވެލޮޕްމެންޓް ފްރޮންޓާއި ގުޅިގެން އިންތިޚާބަށް ނިކުތުމަށް ކޯލިޝަނެއް ހަދާފައެވެ. އަދި 35 އަހަރު ވަންދެން ވެރިކަން ކުރަމުން އަންނަ ޕައުލް ބިޔާއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ޖައްސާފައެވެ.

ނަމަވެސް ކެމެރޫންގެ މައި އިދިކޮޅު ޕާޓީ، ސޯޝަލް ޑިމޮކްރެޓިކް ފްރޮންޓުގެ ކެންޑިޑޭޓް ޖޯޝުއާ އޯސިހް މި ކޯލިޝަނާ ގުޅުމަށް އެއްބަހެއް ނުވިއެވެ.

ވޯޓު ގުނުން ނިމިފައިނުވާއިރު ބެލެވޭ ގޮތުގައި މިފަހަރުވެސް ވެރިކަމުގައި ހުންނާނީ މިހާރުގެ ރައީސް ބިޔާއެވެ. އޭނާ ވެރިކަމަށް އައީ 1982 ވަނަ އަހަރުގައެވެ. މިހާތަނަށް ކެމެރޫންގެ ރައީސްގެ ގޮތުގައި ހަ ދައުރު އޭނާ ވަނީ އަދާކޮށްފައެވެ.