އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު އާއި އެކަމިޝަންގެ މެމްބަރު އަދި ތަރުޖަމާން އަހުމަދު އަކުރަމްއަށް "ވަގަށް" ގޮވި މަންޒަރާއި އަޑު ޗެނަލް 13އިން ފޮނުވި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް މިއަދު ހުށަހަޅުއްވާނެކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ރައީސް އަހުމަދު ޝަރީފު މިއަދު "އައްޑޫލައިވް"އަށް ވިދާޅުވީ ކޮމިޝަނުގެ މެމްބަރުންނާއި އެމަނިކުފާނަށް އަމާޒުކޮށް ސާބިތު ނުހިފޭ ދޮގު ހަބަރު ފެތުރި މައްސަލަ ތަހްގީގު ކުރުމަށް މިއަދު ބްރޯޑްކާސްޓިން ކަމިޝަނަށް ހުށަހަޅުއްވާނެކަމަށެވެ.
ޝަރީފު އާއި އަކުރަމްއަށް ވަގަށް ގޮވާފައިވަނީ ރޭ ޕީޕީއެމްއިން "އޮޅުވާލި ވޯޓު" ނަމުގައި ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީއެވެ.
މުއާޒު ވަނީ އަކުރަމްއަށް "ފާޑުފާޑުގެ އެއްޗެހި ބޮއިގެން" ބަޔާން ނުނެރުމަށް ގޮވާލާފައެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ޕީޕީއެމްއިން ގަބޫލް ނުކޮށް މުޒާހަރާ ކުރަމުންދާ އިރު އިލެކްޝަން ކަމިޝަނުން ވަނީ އިންތިހާބުގެ ނަތީޖާއަށް އަސަރު ކުރާ ވަރުގެ ޝަކުވާއެއް ލިބިފައި ނުވާކަމަށް ބުނެފައެވެ.
ޕީޕީއެމްއިން ބަލި ގަބޫލް ނުކޮށް ކަމިޝަންގެ އިސްވެރިންނަށް އެކި ތުހުމަތުތައްކޮށް އެފަރާތްތަކަށް ހުތުރު އެއްޗެހި ދަނީ ގޮވަމުންނެވެ.
2016 އޮގަސްޓު 1 ވަނަ ދުވަހު ފާސްކޮށް އޮގަސްޓު 11 ވަނަ ދުވަހު ތަސްދީގު ކުރެވިފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ބިލާއި އެކު އެއްވެސް މީހެއްގެ އަބުރު ގެއްލޭ ގޮތަށް ބްރޯޑްކާސްޓު ކުރާ ކޮންޓެންޓުގެ މައްސަލަ ބްރޯޑްކާސްޓިން ކަމިޝަނަށް ހުށަހެޅުމުން އެކޮމިޝަން ބެލުމަށްފަހު އެ ބްރޯޑްކާސްޓަރަކާއި ދެކޮޅަށް ބޮޑެތި ޖުރިމަނާ ކުރުމުގެ ބާރު އެގާނޫނުން ބްރޯޑްކާސްޓިން ކަމިޝަނަށް ވަނީ ދީފައެވެ.
މީގެ ކުރިން މީހުންގެ އަބުރަށް އަރައިގަތްކަމަށް ބުނެ ރާއްޖެޓީވީ އާއި ވީޓީވީ އަދި ސަންގު ޓީވީ ވަނީ ބޮޑެތި އަދަދުން ޖުރިމަނާކޮށްފައެވެ.