Last Updated: June 10, 17:47
Wednesday, June 10, 2026
މުނިފޫހިފިލުވުން

ހަފުތާގެ ވާހަކަ: ހަފުސް

"އޭ ބުނަަންތަ ރަނގަޅު ވާހަކައެއް. މިތާ ހުރެގެން ކަލޭ ފާޑުފާޑުގެ ވާހަކަ ދައްކަންޏާ ތަޅާ ތިރިކޮށްލާނަން. ނިކުންނަން އުޅޭ. މިތާނގަ ހިނގާނީ އަހަރެމެންގެ ބާރު. ނުފެނޭތަ ކަލެއަށް މިތާނގަ ލާފަ ހުރި ކުލައެއް. މަގޭ އަތުން ބޮޑިއެއް ބޯން ބޭނުން ނޫން ކަމަށް ވަންޏާ ރައްކާ ވާން އުޅޭ،" ހޮޓަލުގެ ތެރޭގައި ހުރެގެން އިސްހާގު ރުޅި ގަަދަވެފައި ހަޅޭއްލަވަނީ އެވެ.

އޭނާ ތާއިދު ކުރާ ޕާޓީ އާ ބެހޭ ގޮތުން މީހަކު އެއްޗެއް ބުނެފިއްޔާ ސަލާމަތެއް ނޯންނާނެ އެވެ. އެކަން ހަމަ އެނގި ހުރެ އާދިލް ބޭނުންވީ އިސްހާގު ރަތަށް އަރުވާށެވެ.

"ކަލޯ ނިކަން މަގޭ ގަޔަށް އަތްލަބަލަ. އަތް ބިިންދާލާނަން ދެން ދުވަހަކު ވެސް ޕާޓީގެ ދިދަގަނޑެއް އުފުލާ ނުލެވޭ ވަރަށް. ތިހެން ހަމަ ފުއްޕަފުއްޕާ ކަލޯމެން އުޅެން ޖެހޭނީ. ކޮން އެއް ބުރެއް ކަފަބުރެއް ކިޔާކަށް ލާހިކެއް ނޫން ވެރިކަމާ ދެން 100 ފޫޓާ ވެސް ގާތް ވާކަށް." ސޭޓަށް ލާރި ދެެއްކުމަށް ފަހު ސިނގިރެޓަށް ރޯކޮށްލައިގެން ނިކުންނަމުން އާދިލް ބުންޏެވެ.

"އެހެންތަ…ކަލޭ ބަލަން ހުންނާތި އެއް ބުރުން ކާމިޔާބުކޮށްލާ ތަން. ހަމަ އަސަރެއްކޮށްލާނީ. ދެން ލަލަލާ." އިސްހާގު ގޮނޑިއެއް ދަމާލާފައި މޭޒު ކައިރީ އިށީނދެއްޖެ އެވެ. "އެއި ވެއިޓަރު އެެއްޗެއް ކަޅެއް ގެނަބަލަ."

އިސްހާގާ އެކު އޭނާގެ ދެ އެކުވެރިން ވެސް ތިއްބެވެ. އެ މީހުން އޯޑަރު ދިނުމުން ވެއިޓަރު އަވަސް އަވަހަށް ގޮސް ބަދިގެ ތެރެއަށް ވަނެވެ.

"އޭ އިސްހާގް ބުނަންތަ ވާހަކެއް. ކުރީ ދުވަހެއްގެ މަ ބުނީމެއްނު ކަލޭ ކައިރީ މަންޖެއެއްގެ ވާހަކައެއް. އޭނާ ވެސް ހަމަ އާޓް ދައްކާފަ އެއްކަލަ ގުއި ޕާޓީ އަށް ސޮއިކޮށްފި. މަށަށް މެސެޖްކޮށްފަ ބުނަނީ ހަމަ ކަލެއަށް ދައްކާލަން ވެގެންނޯ އެ ޕާޓީ އަށް ސޮއި ކުރީ،" އިކްރާމް މޭޒު މަތީގައި އިން ޖަހުން ތަށްޓަށް ފެން އަޅަމުން ބުންޏެވެ.

"އަޅާ ނުލާ…ކިތަންމެ ވަރަކަށް އާޓް ދައްކާފަ އުޅުނަސް ކަންވެ ނިމޭ އިރު އަހަރެމެންނާ ދިމާއަށް ނައިހެއް ނުވާނެ. ވެރިކަން ލިބޭ އިރަށް މަގާމުތާއި ވަޒީފާތަކާއި ޕްރޮޖެކްތަކާއި މިހެން ގޮސް ކިޔާނެ ކަމެެއް ނެތް ފައިދާއެއްވާން އޮތިއްޔާ އޭގެ މީރުކަން ލިބޭނީ ހަމަ އަހަރަމެން ޕާޓީ މީހުންނަށް." ފިކުރީ ވެސް އެ މީހުންގެ ވާހަކައަށް ތާއިދު ކުރަމުން ބުންޏެވެ.

"އޭ ކަލޭމެން ދެ މީހުން މިރޭ ޖައްސާލައްޗޭ ގެއަށް. މަ ވަރަށް ބިޒީކޮށް އުޅޭނީ. ހެލްޕެއް ބޭނުން ވާނެ. މެރީ ކުރަންވާ އިރަށް ކޮޓަރީގެ ކުލަ ބަދަލު ކުރަން މި އުޅެނީ،" އިސްހާގް ބުންޏެވެ.

"ކޮން ކުލައެކޯ ލާން ތި އުޅެނީ؟" އިކްރާމް އެހި އެވެ.

"ކަޅު…އެ ނޫން ކުލައެއް މަ ވައްޓާލާނެތަ…ހަނދާން ނައްތާލާ." އިސްހާގު އެހެން ބުނުމުން އިކްރާމާއި ފިކުރީ އަށް އެކުއެކީގައި ދެ މީހުންނާ ދިމާއަށް ބަލާލެވުނެވެ. އަދި ދެ މީހުން އެއްކޮށް ވަރަށް ބާރަށް ހޭން ފެށި އެވެ.

"ކަޅޭ…ކޮޓަރީގަ…" ފިކުރީ ފާޑަކަށް އަހާލި އެވެ.

"އާނ…ކޮބާ މައްސަލައަކީ؟" ވެއިޓަރު މޭޒުމަތީގައި އަތުރަމުން ދިޔަ ތަށިތަކުގެ ތެރެއިން މަސްރޮށްޓެއް ނަގައި ކާލަމުން އިސްހާގު ބުނެލި އެވެ. "މި ކަލޭގެ ކައިރިވީމަ ދުވާ ވަހުން ނޯއް ދަމާލާކަށް ނުކެރޭ. ދުރަށް ޖެހިބަލަ. ބައްޔެއްނު. އޭ ސޭޓް ކަލޭ މީނަ ގެންގުޅެނީ ޑިއޮޑަރަންޓް ފުޅިގަަނޑެއް ވެސް ގެނެލެވޭ ވަރު ނުކޮށްދީތަ؟ ހޫނ…ކީކޭ ކަލޭމެން ތި ކިޔަނީ."

"މި ބުނީ ކަލޭ ކޮޓަރީގެ ކަޅު ކުލަ ލައިގެން ދެން ދުވާލެއް ރޭގަނޑެއް ވެސް ވައްކެއް ނުވާނެެއެއްނު. އަނެއްކާ އަނދިރިކަމުން ތިތާ ތެރޭގަ ކަލެއަށް ކަމެއް ކޮށްލެވޭނަތަ؟" އިކްރާމް ހިނހިގަނޑެއް ޖަހާލަމުން ބުންޏެވެ.

"ދައްކާ ވާހަކަ…އަނދިރިއްޔާ އެނދާ ދިމާއަށް މާކަރީ އަޅުވާފަ ބެހެއްޓީމަ އޯކޭވާނެއެއްނު." ސައި ތަށި ތުންފަތުގައި ޖަހާލުމާ އެކު އިސްގާހު ދިޔައީ ސިއްސައިގެންނެވެ. "އަމާ ބަނޑު…މަގޭ ތުންފަތޭ އެ އެދީ. ކޮބާތަ އެ ވެއިޓަރު ކަލޭގެ. ކިހާ ބޮޑު ކަމެއް. ސޭޓް ކަލޭ އަހަރެމެންނަށް ޖެއްސުން ކުރަނީ ދޯ މިހާރު މިތަނަށް އަންނާތީ. އަނގައޭ އެ ފިއްސާލީ."

އާދިލް މަޑ ސްޕީޑެއްގައި ދުއްވަމުން ގޮސް ސައިކަލް ގެ ކައިރިއަށް މަޑު ކުރި އިރު އަންހެނުން ބޭރަށް ނިކުންނަނީ އެވެ.

"ގުޅާ ގުޅާ ފޯނު ވެސް ނެގީކީ ނޫން. ފޯން ނުނަގާ ކީއްތަ ކުރީ؟" ކައިރި އަށް ހުއްޓިލާފައި ވަސީމާ އަހާލި އެވެ.

"ގުޅިންތަ…ކީއް ކުރަން ގުޅީ" ޖީބުން ފޯން ނަގަމުން އާދިލް ފާރު ކައިރި އަށް ރަތް ކުޅެއަ ޖަހާލި އެވެ.

"ގުޅިން ހޯ….ކިތައް ފަހަރު…ތި ފޯން ނިކަން ބަލާބަލަ…" ވަސީމާ ހިތްހަމަނުޖެހިފައި ބުންޏެވެ.

"އެ ބުނާހެން…ފޯން ސައިިލެންޓަށް ލެވިފަ މިއޮތީ. އަަމަން ތައްޔާރުކޮށް ނިމުނީތަ؟" ގޯތިތެރެއަށް ހިނގައިގަންނަމުން އާދިލް އެހި އެވެ.

"އާނ..އެކަމުން އޭނާ ކިޔަނީ މިއަދު އިންޓޯލަށް ގެންދާނީ ދޮންކޭލޭ. އެހެން ކިޔާފަ ބޮޑާ ހާކަނީ. އާދަނު ފިހާރަށް ދިޔަ އިރު އެތާކު ވެސް ނެތް ދޮން ކޭލެއް. އެހެންވެއޭ އާދިލް މި ހޯދަނީ ވެސް. ދެން މަ ކޮންތާކުން ދޮންކެޔޮ ހޯދާނީ؟" ވަސީމާ ބުންޏެވެ.

"އެކަމާ ހާސް ނުވެބަލަ. ދޮންކެޔޮ ވަކެއް ލިބިދާނެއެއްނު. އެ އޮތް ގަޑި ވެސް ޖެހެނީ. އޭނާ ގޮވައިގެން އާދެބަލަ." ގޯތި ތެރޭގައި ހުރި ޖަނބުރޯލް ގަހުގައި އައްސާފައި ހުރި އުނދޯލީގައި އިށީންނަމުން އާދިލް ބުންޏެވެ.

އޭރު އަމަން ދަބަހާއި އިންޓޯލް ފުޅި ހިފައިގެން ގޯތިތެރެއަަށް ނިކުންނަނީ އެވެ.

"މަންމާ ކޮބާ ބަނާނާ…ޑެޑީ އަވަހަށް ހިނގާ ދާން." އަމަން ދުވަމުން ގޮސް އާދިލް ކައިރީ މަޑުކޮށްލި އެވެ.

"ކޯޗެއްް އިންޓޯލް ފުޅީގަ މިއަދު ހުރީ؟" ދަރިފުޅުގެ ކޮލަށް ދޮނެއް ދެމުން އާދިލް އެހި އެވެ.

"މިލްކް." އަމަން ބުންޏެވެ.

(ނުނިމޭ)