ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުބާރު ގެއްލިފައިވާ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި، އެމަނިކުފާނު މަގާމުން އަޒުލުކުރުމުގެ މަސައްކަތް މަޖިލީހުގެ އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އަނެއްކާވެސް ފަށައިފިއެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މަސައްކަތް އިދިކޮޅު މެމްބަރުން ފަށާފައިވާއިރު، އިންތިޚާބުގެ ކުރިން ގުޅިފައިވާ އިއްތިހާދުން އެކުލަވާލި ޚާއްސަ ކޮމިޓީގައި ޖޭޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާ ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިފަހަރު މަސީހު ބޭރުކުރާނީ ޕީޕީއެމްގައި މިހާރު ތިއްބެވި މެމްބަރުންނާއި އެމްޑީއޭގެ މެމްބަރުންނާ އެކުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލަށްފަހު ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެހޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ތެރެއިން 42 މެމްބަރަކު ސޮއިކޮށް ގަރާރެއް ފާސްކުރުމަށް ފަހުގައެވެ.
އިދިކޮޅު މެމްބަރުން ވަނީ މަސީހު މަގާމުން ބޭރު ކުރުމަށް 45 މެމްބަރުންގެ ސޮއި ހޯދާފައެވެ. އެފަހަރު މެމްބަރުން މަސީހުގެ އިތުބާރު ނެތް ކަމަށް ހުށައެޅި ގަރާރުގައި ސޮއިކުރުމުން، އޭރު ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރުންގެ ތެރެއިން އެ ގަރާރުގައި ސޮއިކުރި މެމްބަރުން ޕާޓީން ވަކިކުރިއެވެ.
އަދި އެމެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރުންނާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، މަޖިލިސް ތަޅުމުގެ ތެރޭގައި ސިފައިން ގިނަ ދުވަސްތަކެއް ވަންދެން ރިޔާސަތުގެ މޭޒު ދޮށުގައި ތިބިއެވެ.
އަދި މަސީހު ދުރުކުރުމަށް ވޯޓަށް އަހަން އޮތް ދުވަހު މަޖިލިސް ބަންދުކޮށް، މެމްބަރުންނަށް ނުވަދެވޭނެ ކަން ސިފައިން އަންގައި އެތަނަށް ފުލުހުން ވެސް ވަދެ އިދިކޮޅު މެމްބަރުންނާ ދެމެދު ހަމަނުޖެހުން ހިނގިއެވެ. ބައެއް މެމްބަރުން ވަނީ މަޖިލިސް ފާރު މަތިން އަރައި މަޖިލިސް ތެރެއަށް ވަދެ ވޯޓަށް އެހުމަށް ގޮވާލާފައެވެ. ނަމަވެސް ސިފައިންނާއި ފުލުހުން ވަނީ ގަދަ ބާރުން ހުރިހާ މެމްބަރުން މަޖިލީހުން ނެރެ، ގަދަ ވެގަނެފައެވެ.
އެ ދުވަހަށް ފަހު އިދިކޮޅު މެމްބަރުން މަޖިލިސް ބޮއިކޮޓް ކުރިއިރު ގިނަ މެމްބަރުން އެއަށް ފަހު މަޖިލީހުގައި ބޭއްވި އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިނުގަންނަވައެވެ. އަދި 2018 އަށް ލަފާ ކުރާ ބަޖެޓަށް ބަހުސްކޮށް ވޯޓަށް އެހީވެސް އިދިކޮޅު ގިނަ މެމްބަރުންނާ ނުލައެވެ.
އިދިކޮޅު ބައެއް މެމްބަރުން އެކި އެކި ތުހުމަތުތަކުގައި ޖަލުގައި ބަންދުކޮށް ގިނަ ދުވަސް ހޭދަވެގެން ގޮސްފައިވާއިރު ހުރިހާ މެމްބަރުންނެއް މިހާރު ވަނީ މިނިވަން ވެފައެވެ. އަދި އަނެއްކާވެސް މަޖިލީހުގެ މަސައްކަތް ފަށަން ހުށައަޅާފައިވާއިރު އިތުބާރު ގެއްލިފައިވާ ރައީސެއް ރިޔާސަތު ބަލަހައްޓަވާ މަޖިލީހަށް ހާޒިރު ނުވާނެ ކަމަށް މެމްބަރުން ވަނީ ބުނެފައެވެ.