މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ހިޔާ"ގެ ދަށުން ފްލެޓު ލިބުނު މީހުންގެ ލިސްޓު ހައުސިން މިނިސްޓްރީން މިއަދު އާއްމު ކުރަން ފެށުމާއި އެކު އެ ފްލެޓުތަކަށް ޕޮއިންޓު ދިން ގޮތް އާއްމު ކުރަން އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ހައުސިން މިނިސްޓްރީއަށް އަންގައިފިއެވެ.
ހިޔާ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ގެންދަވާ ޕްރޮޖެކްޓަށް ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ކުރިއަށް ގެންދިޔުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ކުރުމަށް އެކަމިޝަނުން ވަނީ ހައުސިން މިނިސްޓްރީއަށް މިމަހުގެ 7 ވަަނ ދުވަހު އަންގާފައެވެ.
އޭސީސީން ބުނީ ހިޔާ މަޝްރޫޢިން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް އިވެލުއޭޝަން މަރުޙަލާ ކުރިއަށް ގެންދިއުމަށާއި އެ އިވެލުއޭޝަން މަރުޙަލާ ނިންމެވުމަށްފަހު، ހިޔާ މަޝްރޫޢުއިން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ތަފްޞީލް މަޢުލޫމާތު ޢާންމުކުރުމަށް ވަނީ އަންގާފައެވެ. އަދި އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަސްވެސް އޭސީސީން ވަނީ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ.
ފްލެޓާއި ގުޅޭ ޝަކުވާތަކަށް ލިޔުމުން ޖަވާބު ދިނުމަށްފަހު، ދާއިމީ ލިސްޓް ނެރެންވާނީ ހުށަހެޅި ޝަކުވާތަކާ ގުޅޭގޮތުން މިނިސްޓްރީން ނިންމަވާ ގޮތްތައް ޝަކުވާ ހުށަހަޅާ ފަރާތްތަކަށް އެއްގެވުމަށް ފަހުގައި ކަމަށާއި، އަދި މިއިން ކޮންމެ މަރުޙަލާ އެއްގައިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތަކަށް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރިޔަށް ގެންދެވުމަށްވެސް ކޮމިޝަނުން ހައުސިންގ މިނިސްޓްރީއަށްވަނީ އަންގާފައެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނެފައިވަނީ ހިޔާ މަޝްރޫއަށް ހުށަހެޅި ޑޮކްޓަރުންނާއި ޓީޗަރުންނަށް ފްލެޓު ދީފައިވާ ކަމަށެވެ.