ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރުމަށް ހަމަޖައްސާފައިވާ ގޯތިތައް ވިއްކުމުގެ މަޤްޞަދަކީ އެޗް.ޑީ.ސީ އަށް ކޭޝްފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ބުނެފިއެވެ.
ހުޅުމާލެއިން ވިއްކުމަށް ނިންމި 400 ގޯއްޗާއި ގުޅޭ ގޮތުން މިއަދު އޭސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޗްޑީސީން ގޯތި ވިއްކާ ސަބަބަކީ އެކުންފުނީގެ ކޭޝް ފްލޯގެ ދަތިތަކެއް ކުރިމަތިވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންކަމަށާއި، އެގޮތުން، އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގެ އެތެރެއިން ސޯޝަލް ހައުސިންގއަށް 400 ބިން، އަކަފޫޓަކަށް 300 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދު އަގަކަށް ވިއްކުން ކަމަށެވެ.
އޭސީސީން ބުނީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ނިންމާފައިވާ ގޮތުގެމަތިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުން އެންމެ ރަނގަޅުކަމަށް ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެޗް.ޑީ.ސީ އަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި، ހައުސިން މިނިސްޓްރީއަށް ބިން ވިއްކޭނީ މާލޭގެ ރައްޔިތުންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ ފަރާތްތައް ބެލޭނެފަދަ ގޮތަކަށް ގޯތި ދޫކުރުމުގެ އުޞޫލެއް އެކުލަވައިލައިގެން ކަމަށެވެ.
އަދި ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެ އުޞޫލު އާއްމުކޮށް ޝާއިޢުކުރުމާއެކު ގޯތިދޫކުރުމަށް ކުރިއާލާ އިޢުލާންކޮށް، ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިނުމަށްފަހުކަމަށެވެ.
ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އަވަސް އަރުވާލައިގެން ގޯތި ވިއްކާތީ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.