Last Updated: June 11, 21:26
Thursday, June 11, 2026
ޚަބަރު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ހަސަން ލަޠީފު

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައިކަމަށް ގަބޫލް ކުރައްވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމްޑީޕީން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ހަސަން ލަޠީފު ވިދާޅުވީ ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށާއި އެއްވެސް ފަރާތަކަށް އެެމަނިކުފާންގެ ހަށިކޮޅުގައި އަތްލައި ހައްޔަރު ކުރެވޭނެކަމަށް ގަބޫލް ނުކުރައްވާ ކަަމަށެވެ.

ހަސަން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނާއި މުޅި ދުނެޔެ ގޮވަމުންދަނީ ރައީސް ނަޝީދު މިނިވަންކޮށް ދޫކޮށްލުމަށްކަމަށެވެ. އަދި އެމަނިކުފާން ހުންނެވީ މިނިވަނެއްގެ ގޮތުގައިކަމަށް ދެކޭކަމަށެވެ.

ނޮވެމްބަރ 1 ވަނަ ދުވަހު ނަޝީދު ރާއްޖެ ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބޭނުންވާ އަތޮޅު ތެރޭގެ ބޭފުޅުންވެސް މާލެ ވަޑައިގަތުމަށް ހަސަން ވަނީ އެދިވަޑައިގެންފައެވެ. އަދި މަރުހަބާގެ ކަންކަން ކުލަގަދަކޮށް ގެންދިއުމަށް ބައެއް އާއްމު ފަރާތްތަކާއި އެކު ބައްދަލުވުން ބާއްވަމުން އަންނަ ކަމަށެވެ.

ހަސަން ވިދާޅުވީ ރައީސް ނަޝީދު ފުރަތަމަ ވަޑައިގަންނަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ ކަމަށާއި އެމަނިކުފާން ރާއްޖެ ވަޑައިގެން އިތުރު ރަށްތަކަށް ވަޑައިގަތުމުގެ ދަތުރުފުޅުތައް އިންތިޒާމް ކުރައްވާނެކަމަށެވެ.

ޓެރަރިޒަމް ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ދޫކޮށްލުމަށް ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު އެކޯޓުން ވަނީ ބާޠިލް ކޮށްފައެވެ. ނަޝީދު ގެންދަވަނީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައި ރާއްޖޭން ބޭރުގައެވެ.